އިނގިރޭސި ލީގު ކަޕް ގެ ފައިނަލްގައި ޕެނަލްޓީޖަހައިގެން ޗެލްސީ ބަލިކޮށް ލިވަޕޫލް ޗެމްޕިއަންކަން ހޯދައިފިއެވެ.
މި މެޗުގަވެސް ޕެނަލްޓީއަށް ޗެލްސީގެ ބަދަލް ކީޕަރު ކެޕާވަނީ އަރުވާފައެވެ. މި މެޗުގެ ކުރިން މި ސީޒަނުގައި 3 ފަހަރަށް ޕެނަލްޓީއަށް ކެޕާއަރާ ޗެލްސީއަށް ވަނީ ކާމިޔާބު ހޯދައިދީފައެވެ. އެހެންނަމަވެސް މި މެޗުގައި ކެޕާއަށް ޕެނަލްޓީއެއް މަތަކުރެވިފައި ނުވާއިރު މެޗުން ބަލިވީ ކެޕާ ޖެހި ޕެނަލްޓީ ނާކާމިޔާބު ވުމުންނެވެ.
މި މެޗުގައި ދެ ޓީމް ގެ ފަރާތުންވެސް އެޓޭކިން ގޭމެއް ފެނުނުއިރު ގިނަވަގުތު ބޯޅަ ހިފާއްޓައިގެން ކުޅެފައިވަނީ ލިވަޕޫލް އެވެ. ދާދި ފަހުން ކުލަބު ވޯލްޑްކަޕް ކާމިޔާބުކުރި ޗެލްސީ އިން މި މެޗުގައި 10 ހަމަލާ ފޮނުވާލިއިރު ލިވަޕޫލްއިން ވަނީ 12 ހަމަލާއެއް ފޮނުވާލާފައެވެ. ލިވަޕޫލްގެ 6 ހަމަލާއެއް ގޯލާ އަމާޒު ވީއިރު ޗެލްސީގެ 4 ހަމަލާއެއްވަނީ ގޯލާ އަމާޒުވެފައެވެ.
މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމް ލިވަޕޫލްގެ އެއްނަމްބަރ ގޯލް ކީޕަރ މި މެޗުގައި އިނީ ބެންޗުގައެވެ. އަދި އިތުބާރު ފޯވާޑް ފިރިމީނޯ ހުރީ އަނިޔާގައެވެ.
9 ވަނަ ފަހަރަށް ލިވަރޕޫލް ތަށި ހޯދި މެޗު ނިމެންދަނިކޮށް ލިވަރޕޫލްއިން ވަނީ ގޯލެއްޖަހާފައެވެ. އެހެންނަމަވެސް މެޗުގެ ރެފްރީ އަޓުވެލް ވީއޭއާރު ބެލުމަށްފަހު ވަނީ އޮފްސައިޑް ކަމަށް ދައްކާ ގޯލް ކެންސަލް ކޮށްފައެވެ.
މި މުބާރާތުގެ ތަށި އެންމެފަހުން ޗެލްސީ ހޯދައިފައިވަނީ މީގެ 7 އަހަރު ކުރިން 2015 ވަނަ އަހަރުއެވެ.
ޖުމްލަ 22 ޕެނަލްޓީ ފެނިގެންދިޔަ ޕެނަލްޓީ ޝޫޓްއައުޓް ގައި އެއްވެސް ޕެނަލްޓީއެއް މަތަކުރެވިފައެއްނުވެއެވެ. ކެޕާއަތުން ނާކާމިޔާބުވި ޕެނަލްޓީވެސް ދިޔައީ ގޯލް ހުރަސް ދަޑިމަތިން ބޭރަށެވެ.
މިއީ 2018 ގެ ފަހުން މެންޗަސްޓާސިޓީ ނޫން ޓީމަކުން މި ތަށި އުފުލާލި ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!