ހދ. ކުމުންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ ރަށުގައި ކުރިއަށް ގެންދިޔަ ބޭސިކް ފަހާކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
މި ކޯހަކީ ކުމުންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި މަޝްހޫރު ފެހުންތެރިޔާ އާފިޔާ ޔޫސުފާއި ގުޅިގެން ކުމުންދޫގައި ކުރިއަށް ގެންގޮސްފައިވާ ކޯހެކެވެ.
ކޯސް ފަށާފައި ވަނީ 04 ފެބްރުއަރީ 2022 ގައެވެ. ޖުމްލަ 15 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި ކޯސް ނިންމާލާފައި ވަނީ 20 ފެބްރުއަރީ 2022 ގައެވެ.
ކޯސް ފުރިހަމަކުރި 21 ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ 20 ފެބްރުއަރީ 2022 ވަނަ ދުވަހުގެ ރެއެވެ.
މި ކޯހާއި ގުޅޭގޮތުން ތިލަދުން ނޫހަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން ކުމުންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ފާތިމަތު ރީނާޒް ވިދާޅުވެފައި ވަނީ މިފަހަރު ހިންގިގެން މި ދިޔައީ ފެހުމުގެ ބޭސިކް ކޯހެއް ކަމަށާއި، ކުރިއަށް އޮތްތާގައި ފެހުމުގެ އެޑްވާންސް ކޯސް ހިންގަން ޕްލޭން ކުރެވިފައިވާ ކަމަށެވެ.
ރީނާޒް ވަނީ ކޯސް ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންދިޔުމުގައި ކުމުންދޫ ކައުންސިލާއި ކޯހުގެ ބައިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން ކޯހުގައި ކިޔަވައިދެއްވި އާފިޔާ ޔޫސުފަށް ވެސް ރީނާޒް ވަނީ ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން ކޯސްކުރިއަށް ގެންދިޔުމުގައި އެކިގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް ވެސް ރީނާޒް ވަނީ ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!