ދިވެހި ބަހަކީ ކުޑަކުދީންނާއި ޒުވާނުން ޝައުޤުވެރިވާ، ޒަމާނީ ޓެކްނޮލޮޖީ އާ ރައްޓެހި ބަހަކަށް ހެދުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ވަޒީރު ޔުމްނާ މިހެން ވިދާޅުވެފައި ވަނީ ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަހުގެ މުނާސަބަތުގައިފޮނުއްވި ޚާއްޞަ މެސެޖެއްގައެވެ.
ފެބްރުއަރީ މަހުގެ 21ވަނަ ދުވަހަކީ، ކޮންމެ އަހަރަކުވެސް ދުނިޔޭގައި ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަހެވެ. މި އަހަރުގެ ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަހުގެ ޝިޢާރަކީ "ގިނަބައްސަ އުނގެނުމުގައި ފަންނިއްޔާތު ބޭނުންކުރުން: ގޮންޖެހުންތަކާއި ފުރުސަތުތައް" އެވެ.
ވަޒީރު ޔުމްނާ މިއަދު ފޮނުއްވި ޚާއްޞަ މެސެޖުގައި ވަނީ ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަސް މިއަދު ފާހަގަކުރާއިރު، މި ދުވަސް ޚާއްސަ ކުރެވޭ 'ބެންގާލީ ލެންގުއޭޖް މޫވްމަންޓް' އާއި 1952 ގައި، މިދުވަހު ބަހަށްޓަކައި ގުރުބާންވީ ފަރާތްތަކުގެ ހަނދުމަ އާކުރަށްވާކަމަށް ވިދާޅުވެފައެވެ.
މި ދުވަސް ފާހަގަ ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މިއަދު ދުނިޔޭގައި މީހުން ވާހަކަ ދެއްކުމަށް ބޭނުންކުރާ ބަސްތައް ނެތިދިޔަނުދީ އެ ބަސްތައް ރައްކާތެރިކަމާއިއެކު އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މުހިއްމުކަން ފާހަގަކުރުންކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.
"ދުނިޔޭގެ އެކި ހިސާބުތަކުގައި މުޢާމަލާތު ކުރުމަށް ޖުމްލަ 7000 އެއްހާ ބަސް ބޭނުންކުރާއިރު މީގެ ތެރެއިން ދެބައިކުޅަ އެއްބައި ބަސް މި ޤަރުނުގެ ތެރޭގައި ނެތިގެން ދާނެ ކަމަށް ބަހުގެ މާހިރުން ލަފާކުރަށްވާ، އަދިމީގެ ތެރޭގައި ގިނައިން ހިމެނެނީ ދުނިޔޭގެ ނިސްބަތުން ކުޑަ އާބާދީއެއް ވާހަކަދެއްކުމަށް ބޭނުންކުރާ ދިވެހި ބަސް ފަދަ ބަސްތައް" ވަޒީރު ވިދާޅުވެފަވެއެވެ.
މި އަހަރުގެ ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަހުގެ ޝިޢާރަށް އިޝާރާތްކުރައްވަމުން ވަޒީރު ވިދާޅުވެފައި ވަނީ، މި ޝިޢާރުން ހާމަކޮށްދެނީ ތަޢުލީމު ދިނުމުގައި އަދުގެ ދުނިޔެ ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑެތި
ގޮންޖެހުންތަކުން މިންޖުވުމަށްޓަކައި ޓެކްނޮލޮޖީގެ ދައުރުގެ ފުޅާކަން ކަމަށެވެ. އަދި އެއްހަމަ ކުރުމާއި ޝާމިލްކަމުގެ އަސާސީ އުސޫލުތަކުން ބަލާނަމަ ޓެކްނޮލޮޖީއަކީ އެއްހަމަ އަދި ޝާމިލު ތަޢުލީމެއްގެ ފުރުޞަތު އެންމެންނަށް، އަބަދުމެ ފޯރުކޮށްދެވޭނެ ވަޞީލަތެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
"ދިވެހި ބަހަކީ ކުޑަކުދީންނާއި ޒުވާނުން ޝައުޤުވެރިވާ، ޒަމާނީޓެކްނޮލޮޖީ އާ ރައްޓެހި ބަހަކަށް ހަދާން އަޅުގަނޑުމެން އިތުރު މަސައްކަތްތަކެއް ކުރާން އެބަޖެހެއެވެ. ކުޑައިރުއްސުރެ ދަރީންނާ ދިވެހި ބަހުން ވާހަކަދައްކާން މައިންބަފައިން ސަމާލުކަން ދޭންޖެހެއެވެ. އެކި އުމުރުފުރާގެ ކުދީން ކިޔާނެ ފޮތްތައް ތައްޔާރުކުރާން ޖެހެއެވެ. ޓީވީ ރޭޑިއޯ ޕްރޮގުރާމްތަކާއި ތަފާތު ކުޅިވަރުތައް ތައްޔާރު ކުރާން ޖެހެއެވެ. އެޕްތައް ތައްޔާރު ކުރާން ޖެހެއެވެ." ވަޒީރު ވިދާޅުވެފަވެއެވެ.
ދިވެހިބަސް ކިޔަވައި ދިނުމުގެ ވައްޓަފާޅި ބަދަލުކުރަންޖެހިފައިވާ ކަމަށާއި، ކުދީން ޝައުޤުވެރިވާ ފަދަ ގޮތަކަށް ދިވެހި ބަސް ކިޔަވައިދޭން ޖެހިފައިވާ ކަމަށް ވެސް ވަޒީރުގެ މެސެޖުގައި ވަނީ ފާހަގަ ކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!