ހދ. ނޮޅިވަރަންފަރު ފަޅުތެރެއިން ވެލިނެގުން އަނެއްކާ ވެސް އެ ރަށު ކައުންސިލުން މަނާކޮށްފިއެވެ.
ނޮޅިވަރަންފަރު ފަޅުތެރޭ އޮންނަ ތުނޑި ވަރަށް ބޮޑަށް ގިރައިގެން ދިޔުމާއި ގުޅިގެން ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުން ފެށިގެން 3 މަސް ދުވަހުގެ މުއްދަތައް އެ ރަށު ފަޅުތެރެއިން ވެލިނެގުން ނޮޅިވަރަންފަރު ކައުންސިލުން ވަނީ މަނާކޮށްފައެވެ.
މިކަމާއި ގުޅިގެން އިއްޔެ ނޮޅިވަރަންފަރު ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ކަނޑައެޅި މުއްދަތު ހަމަވުމާއިއެކު އަނެއްކާ ވެސް އެ ރަށުގެ ފަޅުތެރެއިން ވެލިނަގަމުން އަންނަކަން އެ ކައުންސިލަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އިތުރަށް ވިދާޅުވެފައި ވަނީ އެ ރަށު ފަޅުތެރޭ އޮތް ފިނޮޅު ގިރައިގެން ގޮސްފައިވުމާއިއެކު ފިނޮޅު ކުރިން އޮތްގޮތަށް އިޔާދަވުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ލަފާކުރެވޭތީ އެ ކައުންސިލުން ވަކިގޮތެއް އަންގަންދެން އެ ރަށު ފަޅުތެރެއިން ވެލި ނެގުމަކީ މަނާކަމެއް ކަމުގައި ހަނދުމަ ކޮށްދޭކަމަށެވެ. މީގެ އިތުރުން އެ ރަށުގެ ގޮނޑުދޮށުން ވެއްޔާއި އަކިރި ނެގުން ވެސް އެ ކައުންސިލުން ވަނީ މަނާކޮށްފައެވެ.
ނޮޅިވަރަންފަރު ފަޅުގައި އުފެދިފައި އޮތް ފިނޮޅަކީ ގުދުރަތީ ވަރަށް ޗާލު ފިނޮޅެކެވެ. ސާފު ހުދު ދޮންވެލިން ޖަރީވެފައިވާ އެ ފިނޮޅުގެ ވަށައިގެންވާ ނޫވިލާއިއެކު އެ ސަރަހައްދަށް ވަރަށް ބޮޑު ފުރިހަމަކަމެއް ގެނެސްދެއެވެ.
މި ފިނޮޅަކީ އެރަށާއި، ކައިރި ރަށްރަށުގެ މީހުން ދަތުރު ދިއުމަށް ވެސް ވަރަށް ގިނައިން ބޭނުން ކުރަމުން އަންނަ ފިނޮޅެކެވެ. އަދި ނޮޅިވަރަންފަރަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ހިތްތަކަށް ވެސް އެންމެ އަރާމު ހޯދާ އެއް މަންޒިލަކީ އެއީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!