މި އަހަރުގެ ތެރޭގައި އަދި އިތުރު ދެ އެއަރޕޯޓް ހުޅުވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ، މިހެން ވިދާޅުވީ ޅ. މަޑިވަރުގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓް ރަސްމީގޮތުން މިއަދު ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވަނީ މަޑިވަރު އެއަރޕޯޓް ހުޅުވުމާ އެކުގައި، މާލެއިން އުތުރުގެ ކޮންމެ އަތޮޅެއްގައި އެއަރޕޯޓެއް ހުޅުވިފައިވާކަން ފާހަގަ ކުރަށްވާފައެވެ.
ސަރުކާރުގެ އަމާޒަކީ، އަދި އެމްޑީޕީގެ މެނިފެސްޓޯގައިވެސް އޮތް ފަދައިން، މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް، 30 މިނިޓުން ދެވޭ ހިސާބުގައި، އެއަރޕޯޓުތައް ޤާއިމުކުރުން ކަމަށް ވެސް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ، މި އަހަރުގެ ތެރޭގައި އަދި އިތުރު ދެ އެއަރޕޯޓް ހުޅުވިގެންދާނެ. އެއީ ގދ. ފަރެސްމާތޮޑާ އެއަރޕޯޓާއި، މ. މުލީ އެއަރޕޯޓް. އޭގެއިތުރުން، 6 އެއަރޕޯޓެއްގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައި." ރައީސް ވިދާޅުވިއެވެ.
މަޑިވަރު އެއަރޕޯޓާ އެކުގައި ފާދިއްޕޮޅަށް ހަމަޔަޤީނުންވެސް އިތުރު ތަރައްޤީ ލިބިގެންދާނެ ކަމަށާއި، ޤައުމެއް ތަރައްޤީވުމުގައި އެންމެ މުހިންމު އެއް ވަސީލަތަކީ، އެއްތަނުން އަނެއްތަނަށް ފަސޭހައިން ދަތުރުކުރެވި، މުދާ ގެންދެވުން ކަމަށް ރައީސް ވިދާޅުވިއެވެ.
މިއަދު މި ހުޅުވުނު އެއަރޕޯޓުގެ ސަބަބުން އެކަން ފަހިވެގެންދާނެކަމަށާއި، އޭގެއިތުރުން، މި އަތޮޅުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތައް ހުޅުވިގެން ދާނެ ކަމަށް ވެސް ރައީސް ވަނީ ފާހަގަ ކުރަށްވާފައެވެ.
"މިއަދު މިވަނީ "ހޯމްސްޓޭ"ގެ ނަމުގައި އާ ޓޫރިޒަމެއް ތަޢާރުފް ކުރެވިފައި. ޑޮކްޓަރ މަޢުޞޫމްވެސް މިތާ އެބަ އިންނެވި. މި އެއަރޕޯޓުގެ ސަބަބުން ގެސްޓްހައުސްތައް ހިންގުމާއި، ހޯމްސްޓޭ ތަރައްޤީ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމީ ޝައްކެއްއޮތްކަމެއް ނޫން." ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތަކީ، ރާއްޖޭގައި ވިޔަފާރި ކުރަން ބޭނުންވާ ދިވެހި ވިޔަފާރިވެރިންނަށް ވީހާވެސް ފަސޭހަ ގޮތްތައް ހޯދައިދިނުން ކަމަށާއި، ސަރުކާރުގެ އަމާޒަކީ އެއީކަން ފާހަގަ ކުރައްވައި، ޤައުމު ތަރައްޤީވެގެންދާނީ، ސަރުކާރާއި އަމިއްލަ ވިޔަފާރިވެރިން ގުޅިގެން އެކުގައި މަސައްކަތްކޮށްގެން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް މިއަދު ބައްޓަން ކުރަމުން ގެންދަނީ، އަމިއްލަ ވިޔަފާރިވެރިންނަށް ކުރިމަތިވެފައި ހުރި ދަތިތައް ނައްތާލައި، ފަސޭހަގޮތްތައް ޤާނޫނާއި ގަވާއިދުގެ ތެރެއިން ހޯދައިދިނުމަށާއި، އެގޮތުގައި ކުރިއަށްދާނެކަމުގެ ޔަޤީންކަން، ވިޔަފާރިވެރިންނަށް އަރުވާކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!