ޔޫރަޕާލީގުގައި ބުރާސްފަތި ދުވަހުގެރޭ ސުޕެއިންގެ ބާސެލޯނާއާއި އިޓަލީގެ ނަޕޯލީ ބައްދަލުކުރިމެޗް 1-1 ކުން އެއްވަރު ވެއްޖެއެވެ.

މެޗުފަށައިގެން ފުރަތަމަ ހަމަލާ ފޮނުވާލާފައި ވަނީ ބާސާއިންނެވެ. މެޗުގެ ފަސްވަނަ މިނެޓުގައި ބާސާގެ ޒުވާން މިޑްފީލްޑަރ ޕެޑުރީ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ހުރަސްދަނޑިމަތިން ބޭރަށެވެ.

Ad
rt

މީގެ އިތުރުން ވެސް ބާސާގެ ފަރާތުން ގިނަ ހަމާލާތަކެއް ވަނީ ފެނިގެން ގޮސްފައެވެ. މިގޮތުން އެ ޓީމުން މެޗުގައި 18 ހަމަލާއެއް އުފެއްދިއިރު އޭގެތެރެއިން ގޯލާއި އަމާޒު ވެފައިވަނީ ފަސް ހަމަލާއެކެވެ. ނަޕޯލީއިން ވެސް ވަނީ ބާސާގެ ގޯލާއި އަމާޒުކޮށް ހަތަރު ހަމަލާއެއް ފޮނުވާލާފައެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ނަޕޯލީއިންނެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ޕޮލެންޑުގެ 27 އަހަރުގެ މިޑުފީލްޑަރ ޒިއެލިންސްކީއެވެ. މޮޅަށް ކުޅެމުން ދިޔަ ބާސާގެ ލަނޑު ފެނިފައިވަނީ ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ދާދިފަހުން މެންޗެސްޓާ ސިޓީން ބާސާއަށް ބަދަލުވި ސުޕެއިން ގެ ޒުވާން ފޯވާޑް ފެރާން ޓޮރޭޒްއެވެ. ޓޮރޭޒް މި ލަނޑު ކާމިޔާބު ކުރީ އޭރިޔާތެރެއިން ނަޕޯލީގެ ޑިފެންޑަރ ޖުއާންޖީސެސް އަތުގައި ބޯޅަޖެހުމުން ލިބުނު ޕެނަލްޓީއަކުންނެވެ.

މެޗުގެ ފަހު ދިހަވަރަކަށް މިނެޓް ބާސާއިން ޓީމް ކުރިއަށް ޖައްސައި ނަޕޯލީއަށް ބާރު ބޮޑުކުރިއިރު، މެޗުގެ ފަހު ވަގުތު ބާސާގެ ފޯވާޑް ފެރާން ޓޯރޭސްއަށް ވަނީ މެޗުން ބާސާ މޮޅުކޮށްދިނުމަށް ރަނގަޅު ދެ ފުރުޞަތު ލިބިފައެވެ. ނަމަވެސް އޭނާއަށް އެ ދެފުރުޞަތުގެ ބޭނުން ހިފިފައި ނުވެއެވެ.

ރޭ ޔޫރަޕާ ލީގުގައި ކުޅުނު އިތުރު މެޗުތަކަށް ބަލައިލާއިރު، ރެއާލް ބެޓިސް ވަނީ ރަށުން ބޭރުގައި ކުޅެ 3-2 ނަތީޖާއިން ޒެނިތު ބަލިކޮށްފައެވެ. އެންމެ ހައިރާން ކުރުވަނިވި ނަތީޖާއެއް ނުކުތް އެއް މެޗަކަށް ވެގެން ގޮސްފައިވަނީ ބްރޫޝިއާ ޑޯޓްމަންޑާއި ރޭންޖާސް ބައްދަލުކުރި މެޗެވެ. މި މެޗުގައި ރޭންޖާސްއިން ވަނީ ބްރޫޝިއާ ޑޯޓްމަންޑް ދަނޑުގައި 4-2 ގެ ނަތީޖާއިން އެ ޓީމް ބަލިކޮށްފައެވެ. އެފްސީ ޝެރިފް ވަނީ އަމިއްލަ ދަނޑުގައި އެސްސީ ބްރާގާ އަތުން 2-0 ގެ ނަތީޖާއިން މޮޅުވެފައެވެ. ސްޕެއިންގެ ސެވިއްޔާ ވަނީ 3-1 ގެ ނަތީޖާއިން ޑައިނަމޯ ޒަގްރެބް ބަލިކޮށްފައެވެ. އެތުލާންޓާއާއި އޮލިމްޕިއާކޯސް ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ އެތުލާންޓާއެވެ. އާރުބީ ލެއިޕްޒިގްއާއި ރިއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއިން އެއްވަރުވިއިރު ޕޯޓޯއިން ވަނީ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއިން ލާޒިއޯ ބަލިކޮށްފައެވެ.

ބާސެލޯނާއާއި ނަޕޯލީ ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ނަޕޯލީގެ ދަނޑުގައެވެ. މި މެޗު ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން 01:00 ގައެވެ.