ހއ. އަލިދޫ ރިސޯޓްގެ ކުއްޔަށް 29 މިލިއަން ޑޮލަރު (447 މިލިއަން ރުފިޔާ) ދައްކަން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުނީގެ މައްޗަށް ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓައިފި އެވެ.
ޔޮޓް ޓުއާސުން ކުރިން ހިންގި އަލިދޫ ރިސޯޓް އެ ކުންފުނިން ހިންގި މުއްދަތުގެ ކުލި ނުދެއްކުމުން ކުއްޔާއި ޖޫރިމަނާއަށް 2017 ވަނަ އަހަރާ ހަމައަށް 29 މިލިއަން ޑޮލަރު އަރާފައި އޮތުމުން އެ ފައިސާ ދައްކަން ސިވިލް ކޯޓުން 2018 ވަނަ އަހަރު އޮތީ ހުކުމްކޮށްފަ އެވެ. އެއީ ކުލީގެ ގޮތުގައި 5.6 މިލިއަން ޑޮލަރު އަދި ޖޫރިމަނާއަށް 23.4 މިލިއަން ޑޮލަރެވެ.
އެ މައްސަލަ ޔޮޓް ޓުއާސްގެ ފަރާތުން އިސްތިއުނާފް ކުރިޔަސް، ހައި ކޯޓުން އިއްޔެ ނިންމީ ސިވިލް ކޯޓުގެ ނިިންމުން ރަނގަޅު ކަމަށެވެ. އަދި ޖޫރިމަނާގެ ގޮޮތުގައި ނަގާފައިވަނީ މާ ބޮޑު އަދަދެއް ކަމަށް އެ ކުންފުނިން ބުނާއިރު، އެއީ ރިސޯޓް ކުލީގެ ޖޫރިމަނާއަށް ގަވާއިދުގެ ދަށުން ނަގާ މިންވަރު ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އަލިދޫ ރިސޯޓްގެ އެއްބަސްވުމުގައި ވެސް ޖޫރިމަނާގެ ގޮތުގައި އެ މިންވަރު ނެގޭނެ ކަމަށް ބުނެފައި އޮތުމުން ޖޫރިމަނާގެ އަދަދު މާ ބޮޑު ކަމަށް ނުނިންމޭނެ ކަމަށް ހުކުމުގައިވެ އެވެ.
މޫސުން ގޯސްވެ، ލިބުނު ގެއްލުންތަކަކާ ހެދި އަލިދޫ ރިސޯޓް 2014 ވަނަ އަހަރު ވަގުތީ ގޮތުން ބަންދުކުރި މުއްދަތަށް ކުއްޔާއި ޖޫރިމަނާ ނެގުން ހުއްޓުވަން ވެސް އެ ކުންފުނިން ކުރިން ކޯޓަށް ހުށަހެޅި އެވެ.
އެ މައްސަލަ ސިވިލް ކޯޓާއި ހައި ކޯޓުން ވެސް ނިންމާފައި އޮތީ އެ ކުންފުންޏާ ދެކޮޅަށެވެ. އެކަމަކު ރިސޯޓަށް ލިބުނު ގެއްލުންތަކުގެ އިންޝުއަރެންސަށް 22 މިލިއަން ޑޮލަރު ހޯދަން އެ ކުންފުނިން އެލައިޑް އިންޝުރެންސާ ދެކޮޅަށް ކުރި ދައުވާ ކާމިޔާބުވެ، އެ ފައިސާ ދައްކަން އެލައިޑްގެ މައްޗަށް ސިވިލް ކޯޓުން އެންގި އެވެ.
އެލައިޑުން މިހާރު އޮތީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!