ރަޝިއާއި، ޔޫކްރޭނުގެ މަޝްރަޙު ހޫނުވެ، ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެރިކަން އުފެދިފައިވާތީ މި ދަނޑިވަޅުގައި، ދިވެހި ރައްޔިތުން އެ ޤައުމަށް ދަތުރު ނުކުރުމަށް ދިވެހި ޚާރިޖީ ވުޒާރާއިން އިލްތިމާސް ކޮށްފިއެވެ.

ދިވެހި ޚާރިޖިއްޔާއިން މިއަދު ވިދާޅުވީ ޔޫކްރޭނުގެ މަޝްރަޙު ހޫނުވެ، ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެރިކަން އުފެދިފައިވާ މި ދަނޑިވަޅުގައި، ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހިންގެ ހާލަތު ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ.

Ad
rt

ޔޫކްރެއިންގެ މަޝްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި، ދިވެހި ރައްޔިތުން އެ ޤައުމަށް ދަތުރު ނުކުރުމަށް އިލްތިމާސްކުރާ ކަމަށާއި، އަދި ޔޫކްރެއިންގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ވަރަށް ބޮޑަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް އިލްތިމާސްކުރާ ކަމަށް ދިވެހި ޚާރިޖިއްޔާއިން ވިދާޅުވެފަވެއެވެ.

"ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހި ރައްޔިތުން، މި މިނިސްޓްރީ އާއި، އެ ޤައުމާ އެންމެ ކައިރީގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންކަމަށްވާ ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓަރ ކުރުމަށްވެސް އިލްތިމާސްކުރަމެވެ." ދިވެހި ޚާރިޖިއްޔާއިން ވިދާޅުވެފަވެއެވެ.

ރަޝިއާއި، ޔޫކްރޭނުގެ މަޝްރަޙު ވަރަށް ހޫނުވެފައިވާއިރު، ޔޫކްރޭނުގެ ރައީސް ޒެލެންސްކީ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި މާދަމާ (ބުދަ) ދުވަހުގެ ވަގުތެއްގައި ރަޝިއާއިން ޔޫކްރޭނަށް ހަމަލާދޭނެކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

މި ދެ ގައުމުގެ މެދުގައި ޚިޔާލު ދެކަފިވެ، މައްސަލަ ހޫނުވާން ފެށީ ޔޫކްރޭނުން ނޭޓޯ އާ ގުޅުމުގެ ވާހަކަތައް ދައްކަން ފެށި ހިސާބުންނެވެ. ރަޝިއާއިން ބުނެފައި ވަނީ އެ ގައުމުގެ ސްޓޭންޑަކީ ޔޫކްރޭނުން ނޭޓޯ އާ ނުގުޅުން ކަމަށެވެ. ނަމަވެސް ޔޫކްރޭނުން ވަނީ ނޭޓޯގައި ބައިވެރިވާނެކަމަށް ބުނެފައެވެ.

ދެ ގައުމުގެ ދެމެދުގައި ހަނގުރާމައެއް ހިނގާފާނެކަމުގެ ބިރު ބޮޑުވެފައިވާއިރު، ރަޝިއާއިން ވަނީ ޔޫކްރޭނުގެ ބޯޑަރު ސަރަހައްދުގައި އެއް ލައްކައަށްވުރެ ގިނަ ސިފައިން ތައްޔާރީ ހާލަތަށް ގެނެސްފައެވެ.