‏ބައެއް ދާއިރާ ތަކުގެ މަޝްރޫޢުތައް ކުރިއަށް ދަނީ "ފިނިހަކަ ދުވެލީގައި" ކަމަށް ވިދާޅުވެ، މަކުނުދޫ ދާއިރާގެ ބައެއް މަޝްރޫޢުތައް އެދެވޭ ގޮތެއްގައި ކުރިއަށް ނުދާތީ، އެ ދާއިރާގެ މެންބަރު ވަރަށް ބޮޑަށް ނުރުހުންފާޅު ކުރަށްވައިފިއެވެ.

މި މައުޟޫގައި މެންބަރު ރާޢީ ވަނީ ފުލުފުލުގައި ޓްވީޓްތަކެއް ކުރަށްވާފައެެވެ. އަދި މަޝްރޫޢުތައް ލަސްވުމުން ރައްޔިތުންގެ ހައްގުގައި ވާހަކަ ނުދައްކާ މަންމަނަކަށްވެގެން ތާއަބަދަކު ނުހުރެވޭނެ ކަމަށް ވިދާޅުވިއެވެ.

Ad
rt

މެންބަރު ރާޢީ ވިދާޅުވީ، ބައެއް މަޝްރޫޢުތައް ކޮންޓްރެކް ކުރެވިފައިވާ މުއްދަތު ފަހަނަ އަޅާ ގޮސް، ގިނަ މަސައްކަތް ތަށް ވަނީ ހުއްޓިފައި ކަމަށާއި، ނޫނީ ވާނުވާ ގައި ކަމަށެވެ. އެ މަޝްރޫޢުތަކަށް ކޮންޓްރެކްޓް ކުރެވޭ ގޮތުން ދެން ހެދޭނެ ގޮތެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.

ކަންކަން އެހެން ހުރުމުން، މަންމަނަކަށްވެ ތާއަބަދަށް ނުހުރެވޭނެ ކަމަށް ރާޢީ ވަނީ ވިދާޅުވެފައެވެ.

ކުމުންދޫ ކައުންސިލްގެ ރައީސް، އަދި ހދ. އަތޮޅު ކައުންސިލްގެ ނައިބުރައީސް އަމީން މުޙައްމަދު ކުރެއްވި ޓްވީޓެއްގައި ކުމުންދޫ ބަނދަރު މަޝްރޫޢުގެ މަސައްކަތް ލަސްވުމުން ކަންބޮޑުވުން ފާޅުކުރަށްވާފައިވާއިރު، މެންބަރު ރާޢީ ވެސް ވަނީ އެ މަޝްރޫޢު ނިންމަން ހަވާލު ކުރި ތާރީޚުން ބާކީ އޮތީ 2 މަސް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.

ރާޢީގެ މިކަންބޮޑުވުންތަކާއެކު އެ ދާއިރާގެ ބައެއް މީހުންވެސް ވަނީ އެކަންބޮޑުވުންތަކުގައި ބައިވެރިވެ ޓްވީޓް ކޮށްފައެވެ. މިގޮތުން އެމީހުން ދެމިތިބީ އެމްޕީ ރާޢީގެ ފަހަތުގައި ކަމަށާއި، 2023 ގައި ވެސް ތިބޭނީ ހަމަ އެގޮތުގައި ކަމަށް ބައެއް މީހުން ބުނެފަވެއެވެ.