މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރުން އެދޭ ކުދިކުދިކަންކަން ވެސް އެއީ ވަރަށް ބޮޑެތި ކަންކަންކަމަށް ދެކިގެން، އެ މެންބަރުންނަށް އެކަންކަން ފުއްދައިދޭން ޖެހޭކަމަށް ކަނޑިތީމު ދާއިރާގެ އެމްޑީޕީގެ ދާއިރާ ރައީސް އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.

ރޭ އިސްކަންދަރު ސްކޫލްގައި ކުރިއަށް ދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ، އެމްޑީޕީގެ މެންބަރުން އެދޭ ކަންކަން ވަރަށް ގާތުންބަލާ ކޮށްދޭން ޖެހޭކަމަށެވެ.

Ad
rt

"އަޅުގަނޑުމެން ސައިޒުން ކުޑަ ވީމާ ދޫކޮށްލާ އުސޫލު އެއީ މިހާރު ރަށްރަށުގައި ޚާއްޞަކޮށް އެމްޑީޕީގެ މެންބަރުން ގަބޫލުކުރާނެ ކަންކަމެއްނޫން، އަޅުގަނޑުމެން އިންތިޚާބު ކާމިޔާބުކުރަން އެ މެންބަރުން ގާތަށް ދާކަމަށް ވަންޏާ ވަރަށް ކުދިކުދިކަންކަން ވެސް އެބަޖެހޭ ވަރަށް ބޮޑެތި ކަންކަންކަމަށް ދެކިގެން ރަނގަޅުކުރަން،" އަމީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ މިސްރާބުމި ހުރީ 2023 އާއި އޭގެ ފަހަށް ވެސް ވަރަށް ގިނަ އިންތިޚާބުތަކެއް ކާމިޔާބުކުރަން ކަމަށެވެ. އަދި ދިވެހި ރަށްޔިތުން ގަބޫލު ކުރާގޮތުގައި އެ ރައްޔިތުންނަށް ހެޔޮއެދޭނެ، އެމީހުންނަށް ފާގަތި މުސްތަގުބަލެއް ހޯދައިދޭނެ ބަޔަކީ ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮތް އެމްޑީޕީކަމަށެވެ.

"އެހެންވީމަ އެ ގަބޫލުކުރަން އަޅުގަނޑުމެން ގަބޫލުކުރާއިރުގައި އުމުރުން 18 އަހަރުން ފެށިގެން އެމްޑީޕީއަށް މިކުރާ މަސައްކަތުގައި އަޅުގަނޑުގެ ހިތެއް ނޭދޭ ޚާއްޞަކޮށް އެމްޑީޕީގެ މެންބަރެއް އެދޭ ކިތަންމެ ކުޑަކަމެއްވެސް ނުވެ، ޚާއްޞަކޮށް އަޅުގަނޑުމެން ވެރިކަމުގައިތިބޭއިރު ދޫވެގެން ދާންޖެހޭނެ ކަމަކަށް،" އަމީން ވިދާޅުވިއެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި އަމީން ބައިވެރިވަނީ

އޭނާ ވިދާޅުވީ، އެހެން ވިދާޅުވާންޖެހެނީ އޭނާގެ ހިތުގައި ޕާޓީއަށް އޮތް ލޯތްބެއްގެ ބޮޑުކަމާއެކު ހިތަށް ކެތް ނުވެގެން ކަމަށެވެ.

"މިއަދުން ފެށިގެން އެބަޖެހެއޭ ހުރިހާ ޕާޓީގެ މެންބަރުން، ދިވެހި ރަށްޔިތުން މިއެދޭ ކުދިކުދިކަންކަން، ހުރިހާ ދިވެހި ރައްޔިތުންނަށް އުފާވެރިކަމާއި، އަޅުގަނޑުމެން މި މަގާމުތަކުގައި ތިބެގެން އެބޭފުޅުން ހިތްހަމަ ޖެހޭ ކަންކަން ކޮށްލަދޭން" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ، ކޯވިޑްގެ ދަތިވަގުތުގައި އަވަށްޓެރި އެހެން ޤައުމުތަކާއަޅާބަލާއިރު ދިވެހިންތިބީ އުފަލުން ކަމަށެވެ. އަދި އެ އުފަލާއެކީގައި 2023 ހާހިސާބަށް ދެވިއްޖެނަމަ ފަސޭހަކަމާއެކު 2023 ކާމިޔާބު ކުރެވޭނެކަމާމެދު ޝައްކު ނުކުރަށްވާ ކަމަށެވެ.

"މި ޕާޓީގެ ކޮންގްރެސްއާއި، ކުރިއަށްހުރި އިންތިޚާބުތަކަށް ދިޔުމުގެ ކުރިންވެސް ހުރިހާ ބޭފުޅުން އެކުއެކީގައި، ރަށްރަށުން ގުޅާކުދިން އެދޭ ކަންކަން ވަރަށް މުހިންމު ކަންކަމުގެ ގޮތުގައި ދެކިގެންކޮށްދޭން އެދެން، ސަބަބަކީ ދިވެހިރަށްޔިތުންނަށްޓަކައި އިންތިޚާބުތައް ކާމިޔާބުކޮށްދޭން އެދޭތީ" އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރެއްގެ މަގާމު ފުރުއްވަމުން ގެންދަވާ އަމީން ވިދާޅުވިއެވެ.