ދޫނިތައް މަރާލި މަރާލުން ކުށްވެރިކުރަށްވާ ކަމަށާއި، އެކަން ބަލައެއް ނުގަނެވޭނެ ކަމަށް ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާ ކުރިން ތަމްސީލް ކުރެއްވި މެންބަރު ޙުސައިން ވަޙީދު އަވަހާރަވުމުން މިމަހުގެ 5 ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަންގައި އެ ގޮނޑި ކާމިޔާބުކުރެއްވުމަށްފަހު، ރާޝިދު މެންބަރުކަމުގެ ހުވާ ކުރެއްވީ މިއަދު ހެނދުނުއެވެ. އެއަށްފަހު އޭނާ ވަނީ މިއަދުގެ މަޖިލިސް ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ.

Ad
rt

ޤަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި ދޫނި ތަކެއް މަރާލާފައި ވަނީ އިއްޔެއެވެ. އެކަން ކުށްވެރިކުރަށް ރާޝިދު ވާހަކަދެއްކެވީ، މަޖިލީހުގައި ފުރަތަމަ ފަހަރަށް ބަހުސެއްގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ސަރުކާރުގެ ފަރާތުން، މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ހުށަހަޅުއްވާފައިވާ، ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރިކުރުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ރާޝިދު ވިދާޅުވީ، ދިރޭތަކެތި ހިމާޔަތްކުރުމާއި، ނައްތާލުމާއި، ދިރޭ ތަކެއްޗާގުޅޭ ގޮތުން ވަރަށް ގިނަ ކަންތައްތައް ފާހަގަ ކުރެވޭ ކަމަށެވެ.

"އިއްޔެ ހިނގާދިޔަ އަމަލު ކުށްވެރިކުރަން، އެފަދަ ކަންތައްތައް ބަލައި ނުގަނެވޭނެ، އެފަދަ ކަންކަން ހިނގުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ ޤާނޫނެއް އޮތުމަކީ ވަރަށް މުހިންމުކަމެއް" ރާޝިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ބިލާއިއެކު މިފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތް އެނގި އަދި މިފަދަކަންކަމަށް ރަނގަޅު އުސޫލުތަކަކާއި، މެކޭނިޒަމްތަކެއް ގާއިމުކުރެވިގެން ދިޔުން ވަރަށް މުހިންމު ކަމަށެވެ.

ބަހުސް ފެށުމާއި، ނިންމާލުމުގައި ވެސް ރާޝިދު ވަނީ އޭނާ އަށް ވޯޓުދެއްވައި ތާއީދުކޮށްދެއްވި ހުރިހާ ރަށްޔިތުންނަށާއި، އެ ދާއިރާގެ ހުރިހާ ރައްޔިތުންނަށާއި، އޭނާއަށް ކެމްޕޭންކޮށް ދިން ކެމްޕޭން ޓީމުތަކަށް ޝުކުރު ދަންނަވާފައެވެ.