ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މިހާރު ކުރިއަށްދާއިރު،ޤާނޫނުތަކާ ޚިލާފު ކެމްޕޭން ކުރުމުގެ އެއްވެސް ޢަމަލެއް ނުހިންގުމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން އިލްތިމާސްކޮށްފިއެވެ.
މި އިންތިޚާބުގެ ކެމްޕޭން ކުރުމުގެ ސުން ގަޑި އިއްޔެ ހަވީރު 18:00 އަށް ވަނީ ހަމަވެފައެވެ. އޭގެފަހުން ކެމްޕޭންގެ އެއްވެސް ހަރަކާތެއް، އަމަލެއް ހިންގުމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ.
ނަމަވެސް ރޭ ވެސް މިއަދު ވެސް ކެމްޕޭންކުރުމާއި، ވޯޓު ހޯދުމަށް ރިޝްވަތުބެހުމާއި، ވޯޓަށް ނުފޫޒު ފޯރުވުމުގެ ކަންތަކެއް ހިނގާކަމުގެ ތުހުމަތު ބޮޑު ދެޕާޓީން އެއް ޕާޓީން އަނެއް ޕާޓީގެ ބޮލުގައި އަންނަނީ އަޅުވަމުންނެވެ. އަދި އެ ތުހުމަތުތަކާގުޅޭ ވީޑިއޯއާއި ފޮޓޯ ވެސް އަންނަނީ އާންމު ކުރަމުންނެވެ.
މިހެންކަން ހިނގަމުން ދަނިކޮށް ދާދިދެންމެއަކު އީސީން ކުރި ޓްވީޓެއްގައި ބުނީ މިއަދު ކުރިއަށްދާ ބައި އިލެކްޝަންސް ތަކުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުންވެސް އިންތިޚާބުތަކާގުަޅޭ ޤާނޫނުތަކާ ޚިލާފު ކެމްޕޭން ކުރުމުގެ އެއްވެސް ޢަމަލެއް މަނާގަޑީގައި ނުހިންގުމަށް އިލްތިމާސް ކުރަށްވާ ކަމަށެވެ.
މިއަދު ކުރިއަށްދާ ބައި އިލެކްޝަންސް ތަކުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުންވެސް އިންތިޚާބުތަކާގުަޅޭ ޤާނޫނުތަކާ ޚިލާފު ކެމްޕޭން ކުރުމުގެ އެއްވެސް ޢަމަލެއް މަނާގަޑީގައި ނުހިންގުމަށް އިލްތިމާސް ކުރަން @MDPSecretariat @PPMaldives @MNP_Secretariat
— Elections Commission (@ElectionsMv) February 5, 2022
މި އިންތިޚާބުގެ ވޯޓުލުން ހެނދުނު 8:00 އިން ހަވީރު 16:00 އަށް ކުރިއަށް ދާނެއެވެ. މީގެތެރެއިން 15:00 އިން 16:00 ޚާއްޞަކޮށްފައި ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައިވާ މީހުންނަށާއި، ކަރަންޓީނު ކުރެވިފައިވާ މީހުން ވޯޓު ލުމަށެވެ.
މި އިންތިޚާބަށް 3349 ވޯޓް ކަރުދާސް ޗާޕްކޮށްފައިވާއިރު، މިއަދުގެ ނިޔަލަށް އުމުރުން 18 އަހަރު ފުރޭ މީހުންނާއެކު، އެ ދާއިރާގައި 3،309 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބިފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!