އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި އިނގިރޭސި ފުޓްބޯޅައިގެ ދެވަނަ ފަންތީގެ ޓީމެއް ކަމަށްވާ މިޑްލްސްބަރާ އަތުން ބަލިވެ މެންޗެސްޓާ ޔުނައިޓެޑް މުބާރާތުން ކަޓައިފިއެވެ.
ހުކުރު ދުވަހުގެ ރޭ ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 1-1 ގެ ނަތީޖާއިން އެއްވަރު ވެފައއެވެ. އިތުރު ވަގުތު ކުޅުނު ނަމަވެސް ނަތީޖާއަށް ބަދަލެއް އައިސްފައި ނުވާތީ މެޗުގެ ނަތީޖާ ނެރެފައި ވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޖަހައިގެން މިޑްލްސްބަރާއިން މެޗު ކާމިޔާބު ކޮށްފައި ވަނީ 7-8 ގެ ނަތީޖާ އަކުންނެވެ.
މިޑްލްސްބަރާއިން ފޮނުވާލި އަށް ޕެނަލްޓީ ވެސް ކާމިޔާބު ކުރިއިރު، ޔުނައިޓެޑުން ފޮނުވާލި އަށް ޕެނަލްޓީގެ ތެރެއިން ކާމިޔާބު ވެފައި ނުވަނީ ޒުވާން ކުޅުންތެރިޔާ އެލަންގާ ފޮނުވާލި ޕެނަލްޓީއެވެ. އޭނާ ފޮނުވާލި ޕެނަލްޓީ ގޮސްފައި ވަނީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.
މި މުބާރާތުން ކެޓުމާއިއެކު ޔުނައިޓެޑުން މި ސީޒަންގައި ތައްޓެއް ހޯދުމަށް ކުރަމުން އަންނަ އުންމީދަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. ވެސްޓްހޭމް އަތުން ބަލިވެ ލީގު ކަޕުން ވެސް ޔުނައިޓެޑް ކަޓާފައިވާއިރު، ޕްރިމިއާ ލީގުގައި މިވަގުތު ޔުނައިޓެޑާއޮ އެއްވަނާގައި އޮތް ސިޓީއާއި ދެމެދު 19 ޕޮއިންޓެގެ ފަރަގެއް އެބައޮތެވެ. ޔުނައިޓެޑް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޖާގަ ހޯދާފައި ވީ ނަމަވެސް އެ ޓީމްގެ ޕާފޯމަންސް ދައްވުމުން އެ މުބާރާތް ޔުނައިޓެޑަށް ކާމިޔާބު ކުރެވިދާނެ ކަން ގިނަބަޔަކު ޤަބޫލެއް ނުކުރެއެވެ. ދެވަނަ ބުރުގައި ޔުނައިޓެޑް ބައްދަލު ކުރަން ޖެހޭނީ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާއެވެ.
މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ވެސް ޔުނައިޓެޑުންނެވެ. މިޑްލްސްބަރާގެ ކީޕަރު ޖޯ ލުމްލޭ އަތުގައި ބޯޅަ ޖެހިފައި އޭރިޔާގެ ބޭރަށް ވެއްޓުނު ވަގުތު ސަންޗޯއަށް ވަނީ ގޯލަށް ފޮނުވާލަން ފުރުޞަތު ލިބިފައެވެ. ކީޕަރުގެ ބޯމަތިން އޭނާ ފޮނުވާލި ބޯޅަ އަމާޒުވެފައި ވަނީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މެޗުގެ 19 ވަނަ މިނެޓުގައި މިޑްލްސްބަރާގެ އޭރިއާތެރެއިން ޕޮގްބާއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ ރޮނާލްޑޯ ފޮނުވާލި ނަމަވެސް އެ ބޯޅަ ގޮސްފައި ވަނީ ގޯލާއި އަމާޒު ނުވެއެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ޔުނައިޓެޑުންނެވެ. މި ލަނޑު ބްރޫނޯ ފެނާންޑޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ސަންޗޯއެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައި ވަނީ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
މިޑްލްސްބަރާއިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ 64 ވަނަ މިނެޓުގައި ޑޫސެން ވަޓްމޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މެޓް ކްރޫކްސްއެވެ. މި ލަނޑު ޖެހުމަށް ތަނަވަސް ކޮށްދިން ޑޫސެން ވަޓްމޯ އެ ބޯޅަ ކޮންޓްރޯލް ކުރިވަގުތު އަތުގައި ބޯޅަ ޖެހުމުން އެއީ ހޭންޑްބޯލްއެއް ކަމަށް ބުނެ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރިއެވެ. ނަމަވެސް ރެފްރީ ވަނީ ވީއޭއާރުން ބަލުމަށް ފަހު އެއީ ރަނގަޅު ލަނޑެއް ކަމަށް ނިންމާފައެވެ.
މެޗުގެ އިތުރު ވަގުތުގެ ތެރޭގައި މެޗުން ޔުނައިޓެޑް މޮޅު ކޮށްދޭން އެންމެ ރަނގަޅު ފުރުޞަތެއް ލިބިފައި ވަނީ ބްރޫނޯ ފެނާންޑޭޒްއަށެވެ. މިޑްލްސްބަރާގެ ކީޕަރަށް ހެދުނު ގޯހަކުން ތަނަވަސްވި ފުރުޞަތުގައި ބުރޫނޯއަށް އެ ބޯޅަ ހުހަށް އޮތް ގޯލުގެ ތެރެއަށް ފޮނުވާލަން ފުރުޞަތު ލިބުނެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯލަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!