1443 ވަނަ އަހަރުގެ ރަމަޟާން މަހު ރާއްޖޭގެ މިސްކިތް ތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޙާފިޡުން ހޯދުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިޢުލާން ކޮށްފިއެވެ.
މި އަހަރު މާލޭސިޓީގެ މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް ބޭނުންވާ "ދިވެހި ޙާފިޡުން އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށް ފަހު ލިޔުންތަކާއިއެކު 28 ފެބްރުއަރީ 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެ މިނިސްޓްރީއަށް ހުށަހަޅުއްވަން ޖެހެއެވެ.
މީގެއިތުރުން ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި ރަށު ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށުގެ މިސްކިތެއްގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން "ދިވެހި ޙާފިޡުން އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށް ފަހު ލިޔުންތަކާއިއެކު 21 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެ ސިޓީ ކައުންސިލްގެ އިދާރާއަށް ނުވަތަ ރަށު ކައުންސިލްގެ އިދާރާއަށް ހުށަހަޅަން ޖެހެއެވެ.
އެ އިޢުލާނުގައި އިތުރަށް ވިދާޅުވެފައި ވަނީ އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރުމަށް އެދޭ ފޯމު ކައުންސިލްގެ އިދާރާ ތަކުންނާއި އެ މިނިސްޓްރީގެ ވެބްސައިޓް www.islamicaffairs.gov.mv އިން ލިބެން ހުންނާނެ ކަމަށެވެ.
މި އަހަރު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް ދިވެހި ހާފިޡުންނަށް ހުއްދަ ދިނުމަށް ހަމަޖެހިފައި ވަނީ މާލެ ސިޓީ ފިޔަވައި އެހެން ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާތައް މެދުވެރިކޮށް އެ މިނިސްޓްރީ އަށް ހުށަހަޅުއްވާ ލިޔެކިޔުންތަކަށް ބަލާފައެވެ.
މި އަހަރު ދިވެހި ޙާފިޡުންނަށް އެލަވަންސް ފައިސާ ދިނުމަށް ހަމަޖެހިފައި ވަނީ އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރައްވާ ކޮންމެ ރެޔަކަށް -/500 (ފައްސަސަތޭކަ) ރުފިޔާގެ މަގުންނެވެ. މިގޮތުން ގިނަވެގެން ފައިސާ ދިނުމަށް ހަމަޖެހިފައި ވަނީ މިސްކިތަކަށް ދިވެހި 02 ޙާފިޡުންނަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!