މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ)އިން ކޮމަންޑޫ ދާއިރާއަށް ވެފައިވާ ވައުދުތައް ފުއްދަމުންދާތަން މިއަދު ފެންނަމުންދާއިރު، އެ ޕާޓީން އެ ދާއިރާގެ ރައްޔިތުންނަށް އެ ޔަގީން ކޮށްދެނީ ވައުދެއްވެއްޖެނަމަ ފުއްދާނެކަން ކަމަށާއި، އެހެންކަމުން އެ ވައުދުތައް ފުއްދުމަށް އެހީތެރިވުމަށް ކުރިއަށް އޮތް ބައި-އިލެކްޝަންގައި އެ ޕާޓީގެ ޓިކެޓްގައި އެ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ) ހޮވަންޖެހޭކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މަޖިލިސް މެންބަރު، ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު ވިދާޅުވެއްޖެއެވެ.
ރާޝިދަށް ތާއީދުކޮށް ރޭ މާލޭގައި ހުންނަ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، ކުނޫޒްގައި ޖޭޕީން އިސްނަގައިގެން އެމްޑީޕީއާއި ގުޅިގެން ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ކޮމަންޑޫދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރު މަރްޙޫމް ޙުސައިން ވަހީދު އަވަހާރަވުމުންކަން ފާހަގަކުރައްވައި އަލީ ވިދާޅުވީ، ޖުމްހޫރީ ޕާޓީއަކީ މީގެކުރިން އޮތް މިފަދަ އިންތިޚާބުތަކުގައާއި، ބައި-އިލެކްޝަންތަކުގައި ވާދަކުރަމުންއައި ޕާޓީއެއް ކަމަށެވެ. އަދި ރައްޔިތުންނަށް އެންމެ ރަނގަޅުގޮތް ހޯދައިދިނުމަށް މަސައްކަތްކުރާ ޕާޓީއެއްކަމަށް ވިދާޅުވިއެވެ.
މެންބަރު އަލީ ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވުމުން، ޖޭޕީގެ ބައެއް ބޭފުޅުން އެ ދާއިރާއަށް ވާދަކުރެއްވުމުގެ ޝައުގު ފާޅުކުރެއްވުމުން އޭނާ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމަށް ގުޅުއްވި ކަމަށެވެ.
"ޤާސިމް ވިދާޅުވި އަލީއޭ، އަޅުގަނޑުމެން ކޯލިޝަންގައި އޮވެމެ ހުރިހާ ގޮނޑިއަކަށް ވާދަކޮށް ނިންމައިފީމޭ، ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބު ނިމިގޮއްސިއޭ، އަޅުގަނޑުމެންނަކީ ކޯލިޝަން ބައިވެރިއެކޭ، މަރްޙޫމް ހުސައިން ވަޙީދަކީ ދާއިރާގެ ރައްޔިތުނަށްޓަކައި އެކަށޭނަ ރަނގަޅު މަސައްކަތްތަކެއް ކުރައްވަމުންއައި ބޭފުޅެކޭ، އެހެންވީމަ އެންމެ ރަނގަޅު ގޮތެއްކަމަށް ފެންނަނީ ދާއިރާގެ ރައްޔިތުންގެ އުންމީދުތައް ފުރިހަމަކުރުމަށް އެމްޑީޕީއަށް ފުރުސަތު ދިނުމޭ، ފެނިވަޑައިގަންނަވަނީ މަރްޙޫމް ޙުސައިންއަށް އިހްތިރާމާއި ގަދަރު ދިނުމުގެ ގޮތުން އެމްޑީޕީއަށް އެ ފުރުސަތުދިނުމޭ" އަލީ ވިދާޅުވިއެވެ.
އަލީ ވިދާޅުވީ، ޤާސިމް އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރައްވަން ނިންމެވި މައިގަނޑު ސަބަބަކީ ވެސް މަރްޙޫމް ޙުސައިންއަށް އިހްތިރާމާއި ގަދަރުދީ، ހުސައިންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމުގައި އެހީތެރިވުން ކަމަށެވެ. އަދި އެއީ އެއްވެސް އަމިއްލަ އެދުމެއް އޮވެގެން ނިންމި ނިންމުމެއްނޫންކަމަށް އޭނާ ވިދާޅުވިއެވެ.
"ސިޔާސީ ވާދަވެރިކަން އޮތް ނަމަވެސް އެއީ ސިޔާސީ އަދުއްވުންނަށް ހަދައިގެންނުވާނެ، ރައްޔިތުންގެ ހެވާލާބައަށް މަސައްކަތްކުރަންޖެހޭ ނަމަ އެކަން އޮންނަންވާނެ، ޖުމްހޫރީ ޕާޓީއަކީ އެކި ޕާޓީތަކާއެކު ކޯލިޝަންހަދައިގެން ކާމިޔާބުތައް ހޯދާފައިވާ ޕާޓީއެއް، ރައްޔިތުންނަށް އެވަގުތަކު އެންމެ ރަނގަޅުގޮތަކީ ކޮބައިކަން ފެންނަ ގޮތެއް ޚިޔާރުކުރަމުންއައި ޕާޓީއެއް، މިހާތަނަށް ކޯލިޝަން ގޮވައިގެން މިހާހިސާބަށް މިއައީ މިވެރިކަމުގައި، ރައީސް ޞާލިޙް ކޯލިޝަންގޮވައިގެން މިހިސާބަށް އައީތީވެސް އެމަނިކުފާނަށް އެއްބާރުލުން ދިނުމުގެ ގޮތުންވެސް މިއީ ކުރަންޖެހޭކަމެއް،" އަލީ ވިދާޅުވިއެވެ.
އަލީ ވިދާޅުވީ، ކޮމަންޑޫ ދާއިރާގައި މިއަދު އެމްޑީޕީން ޔަގީންކޮށްދެނީ "ތިމަންނަމެން ރައްޔިތުންކައިރީ ވައުދެއްވެއްޖެނަމަ އެ ވައުދެއް ފުއްދަން އަވަސްވެ ގަންނާނެ" ކަމެވެ. އަދި ފެނިގެން ދަނީ އެދާއިރާގެ ރައްްޔިތުންގެ އުންމީދު ހަގީގަތަކަށް ހަދަމުންދާ މަންޒަރު ކަމަށާއި، އެކަމަށް ރައްޔިތުންގެ މަޖިލިސްތެރެއިން އެހީތެރިވުމަށް އެމްޑީޕީ ކެންޑިޑޭޓް ހޮވަންޖެހޭ ކަމަށެވެ.
އަލީގެ ވާހަކާގައި ވަނީ މިއީ މަޝްރޫޢުތައް ހިންގަން ދުނިޔޭގެ އެއްވެސް ގައުމެއްގެ ސަރުކާރަށް ފަސޭހަ ހާލަތެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި ކޯވިޑާއިއެކު އައިސްފައިވާ އިގްތިސާދީ އަޑިގަނޑުން ގައުމުތައް އަދިވެސް ނާރާކަމަށާއި، އޭގެ މިސާލެއްގެ ގޮތުގައި އަވަށްޓެރި ސްރީލަންކާ އޭނާ ނެންގެވިއެވެ. އެގައުމުގެ މިވަގުތުގެ ހާލަތަކީ އަމިއްލަ މީހާ އެކައުންޓްގައި ހުރި ޑޮލަރުކޮޅުވެސް ސަރުކާރަށް ނަގަންޖެހޭ ހިސާބަށް ގައުމުގެ ހާލަތުވެއްޓިފައިވާ ހާލަތެއްކަމަށް އަލޯ ފާހަގަކުރެއްވިއެވެ. ނަމަވެސް ރާއްޖޭގެ ސަރުކާރުން، ރައީސް ޞާލިޙް ކަންކަން މެނޭޖްކުރައްވައި މިހާރުވެސް އެތައް މަޝްރޫޢޫއެއް ރާއްޖޭގައި ހިނގަމުންދާކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!