މިއަހަރުގެ ފުރަތަމަ މަހު އެއް ލައްކައަށް ވުރެ ފިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް 109،842 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. މިދިޔަ އަހަރު އައީ 76،059 ފަތުރުވެރިންނެވެ.
މިހާތަނަށް އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނައީ ރަޝިއާގެ ފަތުރުވެރިންނެވެ. އެ ގައުމުން 20،244 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
ދެ އަހަރު ވަންދެން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އިންޑިއާ އޮތީ މި މަސް ނިމުނު އިރު ލިސްޓުގެ ތިންވަނައިގައެވެ. އެގައުމުގައި ކޯވިޑް ހަލުވި ކަމާއެކުު ފެތުރޭތީ މީހުން ދަތުރުފަތުރު ކުރުން ވަނީ މަދުކޮށްފައެވެ. އެ ގައުމުން މިހާތަނަށް ރާއްޖެ އައީ 9،044 ފަތުރުވެރިންނެވެ.
މި މަހު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން 10،602 ފަތުރުވެރިން އައިސްފައިވާއިރު އަންނަ މަހުން ފެށިގެން ދޭ ލުއިތަކާއެކު މިއަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށް ލަފާ ކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!