އިނގިރޭސި ޕްރިމިއާ ލީގުގައި މިވަގުތު ރަނގަޅު ފޯމެއްގައި އޮތް މެންޗެސްޓާ ސިޓީއާއި ސައުތެމްޓަން ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ހޮނިހިރު ދުވަހުގެ ރޭ ސައުތެމްޓަންގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 1-1 ގެ ނަތީޖާއަކުންނެވެ.

ސިޓީން މި މެޗަށް ނުކުތްއިރު އެ ޓީމުން ލީގުގައި އެންމެ ފަހުން ކުޅުނު ބާރަ މެޗުން ވެސް ވަނީ މޮޅުވެފައެވެ. މި މެޗުން އެއްވަރު ވުމާއިއެކު މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައި ނަމަވެސް ސިޓީ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި 12 ޕޮއިންޓްގެ ލީޑަކާއިއި އެކުގައެވެ.

Ad
rt

ސިޓީއަށް 23 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް ލިވަޕޫލަށް ލިބިފައި ވަނީ 21 މެޗުން 45 ޕޮއިންޓެވެ. ތިންވަނާގައި ޗެލްސީ އޮތީ ކުޅުނު 23 މެޗުން ލިބުނު 44 ޕޮއިންޓާއި އެކުގައެވެ. ސިޓީއަތުން ޕޮއިންޓެއް ހޯދި ސައުތެމްޓަން މިވަގުތު އޮތީ ތާވަލުގެ 12 ވަނާގައެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ސައުތެމްޓަނުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ ހަތްވަނަ މިނެޓުގައި ރެޑްމޮންޑް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ވޯކާ-ޕީޓާރސްއެވެ. މެޗުގެ ފުރަތަމަ ހާފުގައި ސިޓީއަށް ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ދެ ފުރުޞަތެއް އެ ޓީމްގެ ރަހީމް ސްޓާލިންއަށް ވަނީ ލިބިފައެވެ. ސްޓާލިން ފޮނުވާލި ފުރަތަމަ ހަމަލާ ގޯލުގެ މަތީ ކަން ކައިރިން ބޭރަށް ދިޔައިރު، ސްޓާލިންއަށް ލިބުނު ދެވަނަ ފުރުޞަތުގައި އޭނާ ފޮނުވާލި ހަމަލާ ސައުތެމްޓަންގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި ސިޓީން ވަނީ އެ ޓީމް ވަރަށް ބޮޑަށް ކުރިއަށް ޖައްސައި ސައުތެމްޓަންގެ ގޯލަށް ބާރު ބޮޑު ކޮށްފައެވެ. އެ ޓީމުން ގިނަ ހަމަލާތަކެއް އުފެއްދި އިރު، އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައި ވަނީ 65 ވަނަ މިނެޓުގައި ޑިބްރޭނާ ސައުތެމްޓަންގެ އޭރިއާ ތެރެއަށް ހުރަސް ކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެ ޓީމްގެ ޑީފެންޑަރ ލަޕޯޓޭއެވެ.

ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހު ހުރި މެޗުތަކަށް ބަލައިލާއިރު އާސެނަލް އަމިއްލަ ދަނޑުގައި ނުކުންނާނީ ބާންލީއާއި ދެކޮޅަށެވެ. މި މެޗު ފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖެ ގަޑިން 19:00 ގައެވެ. ހަމަ އެ ގަޑީގައި ލިވަޕޫލް ރަށުން ބޭރުގައި ވާދަކުރާނީ ކްރިސްޓަލް ޕަލަސްއާއެވެ. މިރޭ 21:30 ގައި ޗެލްސީ ނުކުންނާނީ ޓޮޓެންހަމްއާއި ދެކޮޅަށެވެ.