މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސް، މާލެ ސަރައްދުގައި ދިރިއުޅޭ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރުމަށް ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތެއް ފައްޓަވައިގެން ކުރިއަށްދާކަމަށް އެ ޕާޓީން ބުނެފިއެވެ.

މިހަރަކާތަކީ ހަންނާނަށް ތާއީދު ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއްކަމަށް އެމްއެންޕީން ބުނެއެވެ. މިހަރަކާތުގައި އެމްއެންޕީގެ ރައީސް، ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި އަދި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންވެސް ބައިވެރިވަމުންދާ ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.

Ad
rt

މިދިޔަ ހަފްތާއެއްހާ ދުވަސްތެރޭ މާލެ، ހުޅުމާލެ އަދި ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ކޮމަންޑޫ ދާއިރާގެ ގިނަ ރައްޔިތުންނާ ބައްދަލުކޮށް މިއިންތިޚާބުގައި ޙަންނާނަށް ވޯޓް ދެއްވުން އެދި އެބޭފުޅުންގެ އަރިހުން ވަނީ އެދިފައިވާ ކަމަށާއި، މި ހަރަކާތުގެ ތެރެއިންވެސް ގިނަ ބައެއްގެ ތާޢީދު ޙަންނާނަށް ލިބިފައިވާކަމަށް އެމްއެންޕީން ވަނީ ފާހަގަކޮށްފައެވެ.

ކެންޑިޑޭޓު ނަމްބަރު 3، ހަންނާނަކީ ކޮމަންޑޫއަށް ނިސްބަތްވެ ވަޑައިގަންނަވާ ޒުވާން ވިޔަފާރިވެރިއެކެވެ.

ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރުމަށްފަހު މިހާރު ހަންނާނަކީ އަމިއްލަ ވިޔަފާރީގައި އުޅުއްވާ ބޭފުޅެވެ. ހަންނާން ވަނީ 2013 އިން 2019 އަށް ވިލާ ކޮލެޖުގެ ޝަރީއާ އެންޑް ލޯ ފެކަލްޓީގެ މެނޭޖަރެއްގެ މަގާމު އަދާކުރައްވައިފައެވެ. އަދި ހދ. ހަނިމާދޫ ސުކޫލާއި ރ. އިނގުރައިދޫ ސޫކޫލާއި ނ. މާފަރު ސުކޫލާއި ރ. ހުޅުދުއްފާރު ސުކޫލުގެ އިތުރުން ށ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ކަން ކުރައްވާފައިވެއެވެ.

ޙަންނާނަކީ ސިޔާސީ ދާއިރާއަށް ނިކުންނެވި ބޭފުޅެއްކަމަށާއި، އޭނާ އެ ދާއިރާއަށް ނުކުންނެވީ އެންއެމްޕީގެ ފަރާތުންކަން އެ ޕާޓީން ފާހަގަ ކުރެއެވެ. އަދި ޕާޓީގެ ލީޑަރޝިޕާއި އެކުގައި ޙަންނާން އަންނަނީ ވަރަށް ފޯރީގައި ކެމްޕޭން ކުރައްވަމުން ކަމަށް ވެސް އެ ޕާޓީން ފާހަގަ ކުރެއެވެ.

"އިންތިހާބުގައި ވާދަކުރައްވާކަން އެންމެ ފުރަތަމަ އިއުލާން ކުރައްވައި ދާއިރާގެ ތިން ރަށަށް ކެމްޕޭނަށް ވަޑައިގަތީވެސް ޙަންނާންއެވެ. އަދި ދާއިރާގެ 3 ރަށުގެ ހުރިހާ ގެއަކަށް ޒިޔާރަތްކޮށް، ރަށްތަކުގައި ހިންގާ ޑޯޓުޑޯގެ ފުރަތަމަ ބުރު ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. ދާދި ފަހުން އެމްއެންޕީގެ މާލެ ޖަގަހައިގައި ބޭއްވީ ޖަލްސާގައި ޙަންނާން ވަނީ މިކެމްޕޭންގައި ދާއިރާއަށް އަދި ދާއިރާގެ 3 ރަށަށް ވާ ވައުދުތައް އިފްތިތާހުކޮށްފައެވެ." އެމްއެންޕީން ބުނެފަވެއެވެ.

ޙަންނާންގެ ކެމްޕޭންގެ ޑޯޓުޑޯ ހަރަކާތުގެ ތެރެއިން ޙަންނާން އާއި ބައްދަލުކުރުމަށް ބޭނުންވެލައްވާ ބޭފުޅުންނަށް އެފުރުސަތު އެމްއެންޕީގެ އޮފީހުގެ ނަންބަރު 9708080 އާ ގުޅުއްވުމުން ހަމަޖެހިގެންދާނެ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.