މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސްގެ މެނިފެސްޓޯގައި ނުވާވަރުކަމެއް، ނުފުއްދޭވަރުގެ ވައުދެއް ނޯންނާނެކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ކެންޑިޑޭޓު ނަމްބަރު 3، ހަންނާނުގެ ވައުދުތައް ހިމެނޭ މެނިފެސްޓޯ އިފްތިތާޙް ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، މިރެޔަކީ މުޅި މުސްތަގުބަލް ބިނާކުރުމަށްޓަކައި އަތުކުރި އޮޅާލައި، އެ އުންމީދު ދާއިރާގެ ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށްޓަކައި ވައުދުވާ ރޭކަމަށެވެ. އަދި ވަރަށް އުފާވެރި ހިތްގައިމު ރެއެއް ކަމަށް ވިދާޅުވިއެވެ.
ހަންނާނު ވިދާޅުވީ އޭނާ ބައި-އިލެކްޝަނަށް ކުރިމަތިލުމަށްފަހު މިހާތަނަށް ކޮމަންޑޫ ދާއިރާގެ ކޮމަންޑޫ، ފޯކައިދޫ އަދި މަރޮށްޓަށް ތިން ފަހަރެއްގެ މަތިން ދަތުރުކޮށްފައި ވާނެކަމަށެވެ.
ކޮމަންޑޫގައި ދެ ފަހަރު މަތިން ނުވަންނަވާ އެންމެ ގެއެއްވެސް ނުހުންނާނެކަމަށާއި، އެ ގޭގޭގެ ރައްޔިތުންނާ ބައްދަލުނުކޮށް، "އެ ރައްޔިތުންގެ އަޑު ނާހާ ނުކުމެފައެއް ނުހުންނާނެ" ކަމަށް އޭނާ ވިދާޅުވިއެވެ.
މަރޮށްޓަށް ދެފަހަރުމަތިން ވަޑައިގެން އެރަށުގެ ރަށުގައި ވެސް ދެފަހަރުމަތިން ނުވަންނަވާ އެންމެ ގެއެއް ވެސް ނުހުންނާނެ ކަަމަށާއި، ސިޓިން ރޫމްތަކުގައި، ކާމޭޒުތަކުގައި އެކުގައި އިށީނދެތިބެ ރައްޔިތުން ދައްކާ ވާހަކަ އަޑު އެއްސެވި ކަމަށް ވިދާޅުވިއެވެ. އަދި ފޯކައިދޫއަށް ވަޑައިގެން ކޮންމެ ގެޔަކަށް ވަކިވަކިން ވަންނަވާ، ރައްޔިތުންގެ އަޑުއެއްސެވިކަމަށާއި، އެ ރައްޔިތުން ދެއްކި ވާހަކަ ކަންފަތުގައި ހަރުލާފައި އެބަހުރިކަމަށް ވެސް ވިދާޅުވިއެވެ.
"އެހެންވީމަ އަޅުގަނޑަށް ގަބޫލު ކުރެވުނީ ހާދަ ގިނަ ކަންކަމެއް އެބަހުއްޓޭ، ހާދަ އަސަރާއެކީގައޭ އެވާހަކަ ދެއްކީ، ހާދަ ގިނަ ކަންކަމެއް އެބަހުއްޓޭ ރައްޔިތުން ބޭނުންވާ، ހާދަ ގިނަ ކަންކަމެއް އެބަހުއްޓޭ ކޮށްދޭންޖެހޭ، ހާދަ ގިނަ ކަންކަމެއް އެބަހުއްޓޭ ސަރުކާރުތަކުން ވައުދުވެފައި ވައުދު ނުފުއްދާ،" ހަންނާނު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައްޔިތުންގެ އަޑު އެއްސެވުމަށްފަހު ވަރަށް ފޯރީގައި ޖޯޝާއި ހިކުމަތްތެރިކަމާއެކު އެކަން ކުރުމަށް ނުކުންނަން އިތުރަށް ހިތްވަރުލެއްވި ކަމަށާއި، ކުރަށްވަމުން ގެންދަވަނީ އެ މަސައްކަތް ކަމަށެވެ.
"އެހެންވެ އަޅުގަނޑުމެން މިއޮތީ މެނިފެސްޓޯ ތައްޔާރުކޮށްފައި، މީގައި ނުވާވަރުކަމެއް، ނުފުއްދޭވަރުގެ ވައުދެއް ނޯންނާނެ،" ހަންނާނު ވިދާޅުވިއެވެ.
ހަންނާން ފާހަގަ ކުރެއްވި ގޮތުގައި ކޮމަންޑޫ ދާއިރާއަށާއި ވަކި ރަށްރަށަށް ވައުދުތައް އޭނާގެ މެނިފެސްޓޯގައި ހިމެނާފައިވާނެއެވެ. އެކަންކަން ފުއްދައިދީ ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ކަންތައްތަކެއް ރާވާފައި ހުންނާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެ ހުރިހާ ކަމެއް ތަފްސީލް އެ ރަސްމިއްޔާތުގައި ހާމަކުރަން ވަގުތު ތަން ނުދޭކަން ފާހަގަ ކުރަށްވައި އޭނާ ވަނީ މެނިފެސްޓޯގެ މުހިންމު ޕޮއިންޓްތަކަށް އަލިއަޅުވާލައި ވާހަކަ ދައްކަވާފައެވެ.
މިގޮތުން ހަންނާނު ފާހަގަކުރެއްވި އެއްކަމަކީ، ކޮމަންޑޫ ދާއިރާގެ ތިން ރަށް ކައިރީ ވަރަށް ރީތި ހިތްގައިމު ފަޅުރަށްތައް އެބަހުރި ކަމަށާއި، އެރަށްތަކުން ރައްޔިތުންނަށް އެކަށޭނަ ފައިދާ ލިބެންޖެހޭނެކަމަށް ކުރިންވެސް ވާހަކަ ދެކެވެމުން ދިޔަކަމެވެ.
"ކޮމަންޑޫ ކައިރީ އޮންނާނެ ދިގުރަށް ކިޔާ ރަށްފައްޗެއް، މައިރަށަކާއި، މެދު ރަށަކާއި، ދިގުރަށަކާ ތިން ރަށް ރީތިކޮށް ގުޅިފައި އޮންނާނީ، އަޅުގަނޑުމެން މިއޮއްހާ ދުވަހު އެރަށްތައް ބޭނުން ކުރަމުން މިއައީ އަޅުގަނޑުމެން ދަތުރުދާން، އަޅުގަނޑުމެން ގޭގޭ ރާނަން ވެލި ނަގަން، އެނޫން ކަމެއް ކުރާކަށް އަޅުގަނޑުމެން އެ ތިންރަށް ބޭނުމެއް ނުކުރޭ، އެކަމަކު އޭރުވެސް ބުނަމުން ދިޔައީ މީގެ ފައިދާ، ނަފާ ހޯދަން ޖެހޭނޭ، ހަމައެކަނި ޕިކްނިކް ދާކަށް، ގޭގޭ ރާނަން ވެލިނަގާކަށް ނޫނޭ ރަށްރަށް ބާއްވަން ޖެހޭނީ" ހަންނާނު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަރޮށި ކައިރީގައި ވެސް ރީތި ފަޅުރަށްތައް އެބަހުރި ކަމަށާއި، އެރަށް ކައިރީ އޮތް ހުރަސްފަރަކީ ވަރަށް ރީތިރަށެއް ކަމަށެވެ. އަދި ފޯކައިދޫ ކައިރީ އޮންނަ ކުރެއްދޫއާއި، މަޑިދޫ ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
ހަންނާނު ވިދާޅުވީ، އެ ފަޅުރަށްތަކުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފަންޖެހިފައިވާކަމަށާއި، އޭނާ ދައްކަވަމުން ދަނީ އެވާހަކަ ކަމަށެވެ.
"މި ނުކުތީ އެރަށްތައް އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރވޭނެ ގޮތެއް ހޯދާށޭ، އެ ރަށްތައް ރިސޯޓުތަކުގެ ގޮތުގައި ތަރައްގީކޮށް ނަފާ ހޯދަން ހިނގާށޭ، ސަރުކާރު ފަހަތުން ދުވެގެން މަސައްކަތް ކުރާނީ އެރަށްތަކުގައި ރިސޯޓު ހަދާށޭ، ރަށްޔިތުންނަށް ފައިދާ ހޯދައިދޭށޭ" ހަންނާނު ވިދާޅުވިއެވެ.
އެރަށްތަކުގެ ނަފާ ފުރިހަމަ ގޮތުގައި ހޯދުމާއެކު ދާއިރާގެ ތިން ރަށުގެ ރައްޔިތުންގެ މަންފާއަށް އެ ސަރަހައްދަށް އެއާޕޯޓެއް ކޮންމެހެން ބޭނުންވާކަމަށް ހަންނާނު ވިދާޅުވިއެވެ. އެހެންކަމުން އެ އާޕޯޓް ތަރައްގީ ކުރަން ސަރުކާރުގައި އެދޭނެކަމަށާއި، އެކަން ހާސިލްވަންދެން "ސަރުކާރު ފަހަތުން ދުވެ، ޕްރެޝަރކޮށް، އެކަން ނުކޮށް ސަރުކާރަށް ނުތިބޭވަރަށް" ފުކެއް ވެސް ދޫނުދެއްވާނެކަމަށް ހަންނާނު ވިދާޅުވިއެވެ.
ހަންނާނު ވިދާޅުވީ، އެ އެއާޕޯޓްގެ ބޭނުންތެރިކަން ވިސްނި އެހެން ބައެއް ބޭފުޅުން ވެސް އެވާހަކަ ދައްކައިފި ކަމަށާއި، "އެހެންނަމަވެސް އޭގެ އަސްލަކަށްވާނީ އަޅުގަނޑު" އޭނާ ވިދާޅުވިއެވެ.
ހަންނާނަކީ ތައުލީމީ ދާއިރާއިން ގިނަގުނަ ތަޖުރިބާތަކެއް ލިބިވަޑައިގެން ހުންނެވި ޒުވާން ވިޔަފާރިވެރިއެކެވެ. އޭނާ ނިސްބަތްވެވަޑައިގަންނަވަނީ ކޮމަންޑޫއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!