މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހދ. ހަނިމާދޫގައި ތާރު އަޅައިގެން ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ މަގުތަކުގެ ތެރެއިން ދެ މަގެއްގައި "އިންޑިއާ އައުޓް" ޖަހައިފިއެވެ.
ސްޕްރޭ ބޭނުން ކޮށްގެން "އިންޑިއާ އައުޓް" ޖަހާފައި ވަނީ ހަނިމާދޫ ރަންވޭ މަގުގެ ދެ ސަރަހައްދެއްގެ އިތުރުން ހަނިމާދޫ ކަސްޓަމްސް އިމާރާތުގެ ދޮރުމަތިން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރު ކުރުމަށް އޮންނަ މަގުކަމުގައި ވާ އަސްކަރީ ހިނގުމުގައެވެ.
ހަނިމާދޫގެ ދެ މަގެއްގައި އިންޑިއާ އައުޓް ޖަހާފައި ވަނީ 16 ޖަނަވަރީ 2022 ވީ އާދީއްތަ ދުވަހުގެ ރެއެވެ. ތިލަދުންއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހަނިމާދޫގެ މަގުތަކުގައި ލިޔެފައުވާ އިންޑިއާ އައުޓް މިހާރު ވަނީ ފުހެލާފައެވެ. އެ ލިޔުންގަނޑު ފުހެލާފައި ވަނީ މިވަގުތު ހަނިމާދޫ މަގުތައް ރަނގަޅު ފެންވަރަކަށް ތާރު އަޅައިގެން ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީގެ ހަނިމާދޫ ސައިޓްގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނެވެ.
ހަނިމާދޫ މަގެއްގައި އިންޑިއާ އައުޓް ލިޔެފައި، ފޮޓޯ: ތޮލްހަތު މޫސާ (ތޮއްލެ)
މި ހަފްތާގެ ތެރޭގައި ށ. ފުނަދޫ ސްކޫލުގެ ފާރުގައި ވެސް އިންޑިއާ އައުޓް ލިޔުނު މައްސަލައެއް ވަނީ ފެންމަތިވެފައެވެ. "އިންޑިއާ އައުޓް" ޝިޔާރަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބާލުވަން ގޮވާލައި ހިންގާ ކެމްޕޭނުގައި ބޭނުންކުރަމުން އަންނަ ޝިޔާރެކެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގައި މިހާރު ވެސް އިންޑިއާ ސިފައިންގެ ޑޯނިއާ ފްލައިޓެއް އޮވެއެވެ. އަދި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން މިވަގުތު ވެސް ހަނިމާދޫގައި އެބަތިއްބެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!