މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސްގެ ވައުދުތައް މިރޭ އިފްތިތާޙް ކޮށްފިއެވެ.
ހަންނާނުގެ ވަޢުދުތައް އިފްތިތާޙްކުރީ ހަންނާނުގެ މާލޭ ކެމްޕެއިން ޖަގަހައިގައި އޮތް ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ހަންނާނުގެ އިތުރުން އެމްއެންޕީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމާއި، އެ ޕާޓީގެ ނައިބު ރައީސުންނާއި، ޕާޓީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިތުރުން ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވިއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ކޮމަންޑޫ ދާއިރާއަށް އަދި އެ ދާއިރާގެ ރަށްތަކަށް އެމްއެންޕީގެ ކެންޑިޑޭޓު ހަންނާނުގެ ވަޢުދުތައް އިފްތިތާޙް ކުރުމަށްފަހު ހަންނާނުގެ ކެމްޕެއިން ޓީމުން ބުނީ އެ ގޮނޑި ކާމިޔާބުކުރާނީ ބޮޑު ތަފާތަކުން ކަމަށެވެ.
ފޮޓޯ: ތިލަދުން
ޙަންނާނުގެ ވަޢުދުތައް
ދާއިރާގެ ވަޢުދުތައް
- ރައްޔިތުންނަށް މުހިންމު ޤާނޫނުތައް ފާސްކުރުމުގައި އިސްކަން ދޭނަން.
- ކޮމަންޑޫ، ފޯކައިދޫ، އަދި މަރޮށީގެ މައްސަލަތަކަށް މަޖިލީހުގައި ވަކާލާތުކުރާނަން.
- ހަމަހަމަކަމާއި އިންސާފުވެރިކަމާއި ތެދުވެރިކަމާއެކު މަސައްކަތްކުރާނަން.
- ސަރުކާރާއި ގުޅިގެން ދާއިރާގައި ހުއްޓިފައިހުރި މަސައްކަތްތަކުގެ ދުވެލި ބާރުކުރާނަން.
- ތަނަވަސްކަމެއްނެތް، މަދުވެގެން ކޮންމެ ރަށަކުން 1 ބޭފުޅަކު، ކޮންމެ އަހަރަކު ޙައްޖުގެ އަޅުކަން އަދާކުރުމަށް ފޮނުވާނަން.
- ދާއިރާގެ 3 ރަށުގައި، ވަކިވަކިން ކޮންމެ އަހަރަކު މަރްޙޫމް ޙުސައިން ވަޙީދުގެ ހަނދާނުގައި "އެމްޕީކަޕް" ގެ ނަމުގައި ފުޓްސަލް މުބާރާތެއް ބާއްވާނަން.
- ހަމަހަމަ، އިންސާފުވެރި ޝަރުއީ ނިޒާމެއް ޤާއިމުކުރުމަށް ވަކާލާތުކުރާނަން.
- "ފުދުންތެރި ފަންޑް"ގެ ނަމުގައި 2 މިލިޔަން ރުފިޔާގެ ފަންޑެއް ހަދައި، އެފަންޑުން ފުދުންތެރި ރައްޔިތެއް ބިނާކުރަން އިންޓްރެސްޓް ފްރީ ލޯނު ދޭނަން.
ކޮމަންޑޫ
- އެއަރޕޯޓް އެޅުމަށް ސަރުކާރަށް ޕްރެޝަރކުރާނަން
- މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް އައިސްޕްލާންޓް ބަހައްޓައިދޭނަން
- ސްލިޕްވޭ އިންސްޓޯލް ކޮށްދޭނަން
- މަސްވެރިން ބާނާ މަސް ކަނޑާނެ ތަނެއް ހަދައިދޭނަން
- ފަސްގަނޑު އޮތް ސަރަހައްދު ހުސްވުމުން އެތަނުގައި ހަޓް ޖަހާ ތަރައްޤީކުރުމަށް އެހީވެދޭނަން
- ހުރިހާ އުމުރު ފުރާއަކަށް އަމާޒުކޮށް ޖިމްއެއް ހަދައިދޭނަން
- ލޭންޑް ޔޫސް ޕްލޭން އަވަސްކުރުމަށް ޤާނޫނަށް ބަދަލުގެނައުމަށް ހުށަހަޅާނަން
- ރަށްފަތި ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް މެދުކެނޑުމެއްނެތި މަސައްކަތްކުރާނަން
- ސިއްޙީ ދާއިރާ ތަރައްޤީކުރަން މަސައްކަތްކުރާނަން
- ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ އެލަވަންސް ބޮޑުކުރުމަށް މަސައްކަތްކުރާނަން
- ޒުވާން ޖީލު މަސްތުވާތަކެތިން ސަލާމަތްކުރުމަށް ޕްރޮގްރާމްތައް ހިންގާނަން\
- ތަޢުލީމީ މަރުކަޒުގެ ޚިދުމަތްތައް ވަރުގަދަކޮށް، ތަޢުލީމު އުނގެނުމަށް ކައިރި ރަށްރަށުން އަންނަ ކިޔަވާކުދިން ބައިތިއްބާނެ ތަންތަން ތަރައްޤީކުރުމަށް އެހީތެރިވާނަން
ފޮޓޯ: ތިލަދުން
ފޯކައިދޫ
- ހެލްތް ސެންޓަރ ތަރައްޤީކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް އެހީތެރިވެދޭނަން
- ހެލްތް ސެންޓަރުގައި މާބަނޑު މީހުންނަށް ވިހާނެ އިންތިޒާމް ހަމަޖައްސައިދޭނަން
- ޒުވާނުންނަށް ރަނގަޅު ފެންވަރެއްގެ ވޮލީ ކޯޓެއް އަޅައިދޭނަން
- ކޮލެޖެއްގެ ކެމްޕަހެއް ފޯކައިދޫގައި ޤާއިމްކުރުމަށް މަސައްކަތްކުރާނަން
- ފައިސާގެ މުޢާމަލާތްތައް ފަސޭހަކޮށްދިނުމަށް އޭޓީއެމް ބަހައްޓަން މަސައްކަތްކުރާނަން
- ފުދުންތެރި ރައްޔިތަކު ބިނާކުރުމަށް ފަހާ ކޯސް، މޭކަޕް ކޯސް އަދި ކައްކާ ކޯސް ހިންގައިދޭނަން
- ޒަމާނީ ތަޢުލީމާއި ޓެކްނޮލޮޖީއަށް ކިޔަވާކުދިން އަހުލުވެރިކުރުމަށް ކޮމްޕިއުޓަރ ލެބެއް ތަރައްޤީކޮށްދޭނަން
- އިސްލާމީ ވަހުދަތު ވަރުގަދަކުރުމަށް ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގާނަން
- ކުޅިވަރުގައި ޒުވާނުންނަށް އިތުރު ފުރުސަތު ހޯދައިދިނުމަށް އެދާއިރާ ތަރައްޤީކުރުމަށް އެހީތެރިވެދޭނަން
ފޮޓޯ: ތިލަދުން
މަރޮށި
- އިސްލާމީ ވަހުދަތު ވަރުގަދަކުރުމަށް ދީނީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ހިންގާނަން
- ކުޑަކުދިންގެ ޕާކް އިތުރަށް ތަރައްޤީކުރާނަން
- ސިއްޙީ މަރުކަޒު ތަރައްޤީކުރާނަން
- މޫދަށް އެރޭނެ ސަރަހައްދެއް ތަރައްޤީކުރާނަން
- ބާބަކިއު ހަދާނެ ސަރަހައްދެއް ތަރައްޤީކުރާނަން
- ކޮމްޕިއުޓަރ ކްލާސްތައް ހިންގައިދޭނަން
- އިންޑޯޖިމްއަށް ބޭނުންވާ ސާމާނު ހޯދައިދޭނަން
- ތުނޑީގައި ނޭޗަރ ޕާކެއް ތަރައްޤީކުރަން މަސައްކަތްކުރާނަން
- އަންހެން ކަނބަލުން ފުދުންތެރި ބަޔަކަށް ހެދުމަށް ތަފާތު ފަންނުގެ ކޯސްތައް ހިންގާނަން
- ސްކޫލްގައި ހިންގާ ކަންކަމުގައި މާލީ އެހީތެރިކަން ފޯރުކޮށްދޭނަން
ފޮޓޯ: ތިލަދުން
ކެންޑިޑޭޓު ނަމްބަރު 3، ހަންނާނަކީ ކޮމަންޑޫއަށް ނިސްބަތްވެ ވަޑައިގަންނަވާ ޒުވާން ވިޔަފާރިވެރިއެކެވެ.
ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރުމަށްފަހު މިހާރު ހަންނާނަކީ އަމިއްލަ ވިޔަފާރީގައި އުޅުއްވާ ބޭފުޅެވެ. އެމްއެންޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއި ކުރެއްވި ބޭފުޅުންގެ ތެރޭގައި ވެސް ހަންނާން ހިމެނެއެވެ.
ހަންނާން ވަނީ 2013 އިން 2019 އަށް ވިލާ ކޮލެޖުގެ ޝަރީއާ އެންޑް ލޯ ފެކަލްޓީގެ މެނޭޖަރެއްގެ މަގާމު އަދާކުރައްވައިފައެވެ. އަދި ހދ. ހަނިމާދޫ ސުކޫލާއި ރ. އިނގުރައިދޫ ސޫކޫލާއި ނ. މާފަރު ސުކޫލާއި ރ. ހުޅުދުއްފާރު ސުކޫލުގެ އިތުރުން ށ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ކަން ކުރައްވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!