ހދ. ނޮޅިވަރަމް ސްކޫލުގެ މަލްޓި ޕާޕަސް ހޯލު އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިޢުލާން ކޮށްފިއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ނޮޅިވަރަމް ސްކޫލުގެ މަލްޓި ޕާޕަސް ހޯލު އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ފުރަތަމަ އިޢުލާން ކޮށްފައި ވަނީ 01 ޑިސެމްބަރ 2021 ގައެވެ. ނަމަވެސް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ މިނިސްޓްރީން ވަނީ މި މަސައްކަތަށް ކޮށްދިނުމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު 13 ޖަނަވަރީ 2022 ގައި އަލުން ހުޅުވާލާފައެވެ.
ބީލަމުގައި ބައިވެރިވުމަށް -/500 (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭއިރު، މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/40,000ރ (ސާޅީސް ހާސް ރުފިޔާ) ހުށަހަޅަން ޖެހެއެވެ.
ބީލަމުގައި ބައިވެރި ވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މީގެއިތުރުން މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ ދަށުންނެވެ.
ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައި އިތުރަށް ވިދާޅުވެފައި ވަނީ މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތަކުގެ ސޮފްޓްކޮޕީ ފޯރމެޓުގައި އެ މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން 16 ޖަނަވަރީ 2022 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށެވެ. އަދި މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށެވެ.
މި މަސައްކަތް ކޮށްދިނުމަށް އެދި ހުށަހަޅާ ބިޑް ހުޅުވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 25 ޖަނަވަރީ 2022 ވާ އަންގާރަ ދުވަހުގެ 11:00ގައި އެ މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.
އެ މިނިސްޓްރީން އިތުރަށް ވިދާޅުވެފައި ވަނީ ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައި ކަމަށާއި އަދި އެ ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަމާއި ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަޤުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ވެސް ލިޔެފައި އޮންނަންވާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!