މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގާ މުއާމަލާތްތަކާ މެދު ހަނިމާދޫ ރައްޔިތުންނަށް މައުލޫމާތު ދީފި އެވެ.

ހަނިމާދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ސްމާޓް ފޯނުގެ ބޭނުންކޮށްގެން ކުރާ ނޭދެވޭ މުއާމަލާތްތަކާ މެދު ސަމާލުވާންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން އެމައުލޫމާތައް ހިމެނޭ ލީފްލެޓް ބަހާފައިވެއެވެ.

Ad
rt

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މި ޖަނަވަރީ މަހުގެ 11 ވަނަ ދުވަހު ފެށިގެން ދެ ދުވަހުގެ މުއްދަތަށްކަމަށް ފުލުހުންގެ އިދާރާއިން މަޢުލޫމާތު ދެއްވަ އެވެ.

މިހަރަކާތުގެ ތެރެއިން ރަށުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކޮށް، ގޮތް ނޭނގޭ މީހުންގެ ފޯނަށް ރީލޯޑް ރާސްޓަސް ނުފޮނުވުމަށާއި، ނުދަންނަ މީހަކާ ބޭންކް ކާޑުގެ މަޢުލޫމާތު ހިއްސާ ނުކުރުމަށާއި، އިނާމެއް ލިބިފައިވާކަމަށް ބުނެ ގުޅާ ފަރާތްތަކާއިމެދު ސަމާލުވުމަށާއި، ސްމާޓް ފޯނު ފަދަ ވަސީލަތްތަކުން ބުލެކް މެއިލް ކުރުމަށް ފުރުސަތު ނުދިނުމަށާއި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ފުރުސަތު ނުދިނުމާ ގުޅޭގޮތުން މައުލޫމާތު ދީފައި ވެއެވެ.

ސްމާޓް ފޯނު ބޭނުންކޮށްގެން ކުރާ ނޭދެވޭ މުއާމަލާތްތަކާ މެދު އާންމު ރައްޔިތުން ސަމާލުވާންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ހަރަކާތްތައް ފުލުހުން އަންނަނީ އެކިރަށްރަށުގައި ކުރިއަށްގެންދަމުންނެވެ.

އެކި ފަރާތްތަކުގެ ނަމުގައި ގުޅައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް ފަހަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ.