ށ. މަތިކޮމަންޑޫ ބިން ހިއްކުމާއި ކޮމަންޑޫ ގުޅާލުމުގެ ކޮންސެޕްޓް ރައްޔިތުންނާ ހިއްސާކުރުމުގެ ގޮތުން ކޮމަންޑޫ ކައުންސިލްގެ ފޭސްބުކް ޕޭޖްގައި އެ މަޝްރޫޢުގެ ކޮންސެޕްޓް ކުރެހުން އާންމުކޮށްފިއެވެ.

އެ ކުރެހުން އާންމުކުރަށްވަމުން ކޮމަންޑޫ ކައުންސިލުން ވިދާޅުވީ، މަތިކޮމަންޑޫ ބިން ހިއްކުމާއި ކޮމަންޑޫ ގުޅާލުމުގެ ކޮންސެޕްޓް ރައްޔިތުންގެ މައުލޫމާތަށްޓަކައި ހިއްސާކުރަށްވާ ކަމަށެވެ.

Ad
rt

ޖެނުއަރީ 8 ވަނަ ދުވަހުގެ ރޭ ކޮމަންޑޫގައި ވާހަކަ ދައްކަވަމުން ކޮމަންޑުއާއި މަތިކޮމަންޑުއާ ގުޅާލުމުގެ މަސައްކަތް ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. ރައީސް މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް، އިބްރާހިމް ރާޝިދު (ރާޑޯ)ގެ ކެމްޕެއިން ލޯންޗުކުރުމަށް ރޭ ބޭއްވި ޖަލްސާގައެވެ.

ކޮމަންޑުއަށް މިހާރު ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށް ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް މިސަރުކާރުން މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ކޮމަންޑޫގެ ހިއްކި ބިމުން ވަރަށް އަވަހަށް ގޯތި ދޫކުރަން ފަށައި، ބޯހިޔާވަހިކަމުގެ ދާއިމީ ހައްލަކަށް މަތިކޮމަންޑުއާއި ކޮމަންޑު ގުޅާލާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މަތިކޮމަންޑުއަކީ ކޮމަންޑުއާ އެއް ފަޅެއްގައި އޮންނަ ރަށެކެވެ. ދެ ރަށަ އެއްކޮށްލުމަކީ ކޮމަންޑޫ ގިނަ ބަޔަކު އެދޭ ކަމެކެވެ. އަދި ކޮމަންޑުއާއި މަތި ކޮމަންޑޫ ގުޅުވާލުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅެކެވެ.