މިދިޔަ ހޯމަ ދުވަހު ވެއްޓި ބޯފަޅައިގެން ދިޔަ ހއ. ބާރަށް، އުމުރުން 78 އަހަރުގެ އަބްދުއްރައްޒާގު ގެ ހާލު ދެރަވެ، މާލެ ގެންދެވޭނެ ގޮތެއް ނެތުމުން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

"ތިލަދުން" އަށް މައުލޫމާތު ދެމުން އަބްދުއްރައްޒާގުގެ ދަރިއަކު ބުނެފައިވަނީ ބައްޕައަކީ ނުހިނގޭ މީހެއް ކަމަށާއި ނަފްސާނީ ގޮތުން ވެސް ބަލި މީހެއް ކަމަށެވެ. އަދި ބާރަށު ސިއްޚީ މަރުކަޒުން އެންމެ އެދެވޭ ޚިދުމަތެއް ލިބެން ނެތުމުން އެރޭ ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

Ad
rt

އޭނާ ބުނީ، ބައްޕަގެ ހާލުގެ ގޮތުން އިތުރުފަރުވާއަށް ވީހާވެސް އަވަހަކަށް މާލެ ގެންދިޔުމަށް ހއ. އަތޮޅު ހޮސްޕިޓަލުން އިރުޝާދު ދީފައިވާ ކަމަށެވެ. އަދި މާލެ ގެންދިޔުމަށް އާސަންދަ ވެސް ހޮސްޕިޓަލުން މިހާރު ހަމަޖައްސާފައިވާ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ޢާއިލާގެ ކަންބޮޑުވުމަކީ އާސަންދަ ހަމަޖެހުނު ނަމަވެސް، މާލެ ގެންދެވޭނެ އިންތިޒާމް ހަމަނުޖެހި ލަސްވަމުން ދިޔުމެވެ. އަދި އާންމުގޮތެއް ބަލި މީހުން އާސަންދައިގެ ތެރެއިން އުފުލަނީ ހަނިމާދޫ މަގުން މޯލްޑިވިނުންކަމާއި، ބައެއް ހާލަތްތަކުގައި އެމްއެންޑީއެފްގެ ޑޯނިއާ ނުވަތަ ހެލިކޮޕްޓަރުގައި ވެސް މީހުން އުފުލާކަން ފާހަގަކޮށް ޢާއިލާއިން ބުނީ ހޯމަ ދުވަހުން ފެށިގެން އިތުރުފަރުވާއަށް ބައްޕަ މާލެ ގެންދެވޭނެ ވަގުތެއްގެ އިންތިޒާރުގައި މިހާރު ތިބިކަމަށެވެ.

"އެމްއެންޑީއެފްގެ ހެލިކޮޕްޓަރުތައް ހަލާކުވެފައިވާ ކަމަށް އަޅުގަނޑުމެންނަށް މައުލުމާތުދިން، އަދި ޖެހޭނީ އައިލެންޑް އެވިއޭޝަން އިން ފްލައިޓެއް ޗާޓާ ކުރަން ކަމަށް ވެސް މައުލޫމާތުދިން، މިދުވަސްވަރަކީ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެ އަންނަ ދުވަސްކޮޅަކަށް ވުމުން ފްލައިޓް ހަމަޖެއްސުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް ވަނީ ބުނެފައި، އެކަމަކު އެކަންކަން ހަމަނުޖެހިވަނީ، އޭގެ ފަހުން ކަނޑުމަތީގެ ހާދިސާއެއްގައި މީހަކު ހޯދުމަށް އެމްއެންޑީއެފްގެ ހެލިކޮޕްޓަރުތައް މަސައްކަތް ކުރަމުންދާކަމަށް އެބަ އަޑުއިވޭ،" ޢާއިލާއިން ބުންޏެވެ.

އޭނާ ވަނީ ބައްޕަގެ ހާލު އިތުރަށް ސީރިއަސް ވެފައިވާ ކަމަށް ބުނެފައެވެ. އަދި ވީހާވެސް އަވަހަކަށް ބައްޕަ މާލެ ގެންދެވޭނެ ގޮތެއް ހަމަޖައްސަވައި ދެއްވުމަށް، ކަމާގުޅޭ ފަރާތްތަކުގެ އަރިހުން އެދޭ ކަމަށް އަސަރާއެކު ބުންޏެވެ.

މިކަމާއި ގުޅިގެން ހއ. އަތޮޅު ހޮސްޕިޓަލަށް ގުޅާލުމުން އެ ހޮސްޕިޓަލުން "ތިލަދުން"އަށް ވިދާޅުވީ، ވަކިވަކި ބަލިމީހުންނާގުޅޭ ކަންކަމުގެ މައުލޫމާތު ހާމަނުކުރަށްވާ ކަމަށެވެ. އަދި އެ ހޮސްޕިޓަލަށް ފަރުވާއަށް ގެނެވިފައިވާ އެއްވެސް ބަލި މީހަކަށް އެ ހޮސްޕިޓަލްގެ ފަރުވާކުޑަކަމުން ނުވަތަ އިޙްމާލުން އެއްވެސް ކަމެއް ލަސްވެފައިނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.