އިއާދަކުރަނިވި ހަކަތަ އާއި އެކު، ހއ. މާރަންދޫ މަސްޖިދުލް ފަލާހް މިސްކިތުގައި އެއާރކޯން ގެ ހިދުމަތް ދޭން މިއަދު ފަށައިފިއެވެ.

"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން މާރަންދޫ ކައުންސިލްގެ ރައީސް ޖައިލަމް ހާރޫން ވިދާޅުވީ މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނި 3 ފޭސްއަކަށް ބަހާލެވިގެން ކަމަށާއި އެގޮތުން ފުރަތަމަ ފޭސްގެ ދަށުން 18000btu ގެ 6އެއާރ ކޯން އަދި 2 ވިންޑް ކާރޓަން ހަރުކުރެވިފައިވާ ކަމަށެވެ.

Ad
rt

ދެވަނަ ފޭސްގައި 3 ފޭސް ކަރަންޓް ލާފައި ވާއިރު އަދި 3 ވަނަ ފޭސްގައި 8 ކިލޯގެ ސޯލާ އިން ކަރަންޓު އުފައްދާ ސިސްޓަމެއް އިންސްޓޯލްކުރެވި ނެޓްމީޓަރިންއާއި ގުޅާލެވިފައިވާނެ ކަމަށް ޖައިލަމް ވިދާޅުވިއެވެ.

މި ހިދުމަތް އިފްތިތާހް ކޮށްދެއްވީ އެރަށުގެ ޒުވާނެއްކަމުގައިވާ ސެންޓްރަލް ޕޮލިސިންގ ކޮމާޑަރިން ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ސުޖާއު އެވެ.

މީގެ އިތުރުން ޖައިލަމް ވިދާޅުވީ ކައުންސިލްގެ އަމާޒަކީ ދުރުނޫން މުސްތަޤްބަލެއްގައި އެރަށުގެ މަސްޖިދުލް ތަޤްވާގައި ވެސް މިފަދަ ކާމިޔާބް މަސްރޫއެއް ޤާއިމްކޮށް އެއާރ ކޯން ކުރުން ކަމަށެވެ. އަދި މިއީ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއްގެ ފެށުން ކަމަށްވެސް އެބޭފުޅާ ފާހަގަ ކުރައްވާފައި ވެއެވެ.

މާރަންދޫ ކައުންސިލުން ވަނީ މިމަސައްކަތް ކުރުމަށް ރަށުގެ ޒުވާނުން އިސްނަގާފައިވާތީ އެފަރާތްތަކަށާއި މިކަމުގައި އެހީތެެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާފަ އެވެ. އެގޮތުން އަވި ޓެކްނޮލޮޖީ އެރަށު ފެނަކަ ބްރާންޗް ކޫލް ސާރވިސްގެ ނަން ފާހަގަ ކޮށްފައި ވެއެވެ.