ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނ އަތޮޅުގެ ފަސް ރަށަކަށް ކުރައްވާ ދަތުރުފުޅު މިއަދު ހެނދުނު ފައްޓަވައިފިއެވެ.

މި ދަތުރުފުޅުގައި ރައީސް ޞާލިޙް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ނ. ގެ ވެރިރަށް މަނަދޫގެ އިތުރުން އެ އަތޮޅު މާފަރަށާއި، ލަންދޫއަށާއި، މަގުދޫ އަދި ހޮޅުދޫއަށެވެ.

Ad
rt

މި ރަށްތަކަށް ކުރައްވާ ޒިޔާރަތުގައި ރައީސް، ނ. އަތޮޅު ކައުންސިލާއި، ވަކި ވަކި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ބައެއް ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ.

މީގެއިތުރުން ދަތުރުކުރައްވާ ރަށްރަށުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ޙާލަތު ބައްލަވާލެއްވުމަށް ހަމަޖެހިފައިވެއެވެ.

ރައީސްގެ މިދަތުރުފުޅުގައި ލަންދޫ މިސްކިތުގެ އިތުރުން އެރަށުގެ ބަނދަރު ހުޅުއްވައި ދެއްވާނެއެވެ. އަދި މަގޫދޫގައި އަލަށް ޢިމާރާތްކޮށްފައިވާ އިންޖީނުގެ ހުޅުއްވައި ދެއްވުމާއި އަދި ހޮޅުދޫ ފުޓްބޯޅަދަނޑު ރަސްމީކޮށް ހުޅުއްވައި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެމަނިކުފާނުގެ ދެ ދުވަހުގެ މި ދަތުރުފުޅުގައި، ކެބިނެޓް މިނިސްޓަރުންނާއި، ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.