ކޯވިޑް-19ގެ ސަބަބުން ހއ. އިހަވަންދޫ މޮނިޓަރިން ހާލަތުގައި އޮތްއިރު، އެ އެރަށުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅު އިތުރަށް ވަރުގަދަކޮށްފިއެވެ.
އިހަަވަންދޫ މޮނިޓަރިން ހާލަތަށް އިއްޔެ ގެނެސްފައި މިވަނީ އެރަށުގެ ކޯވިޑްގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ ކަމަށް އެރަށު ކައުންސިލުން ވަނީ ވިދާޅުވެފައެވެ. އަދި މިކަމާއި ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ފިޔަވަޅުތައް އެޅުމަށް އީއޯސީ އިން ނިންމާފައިވާ ކަމަށްވެސް އެކައުންސިލުން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވެއެވެ.
އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅު ވަރުގަދަ ކުރުމުގެ ގޮތުން އެރަށުގައި އަޅާފައިވާ ފިޔަވަޅު ތަކަކީ:
- ކޮންމެ ދުވަހެއްގެވެސް ރޭގަނޑު 09:00 އިން 14:00 އަށް ބޭރަށް ނުކުމެ އުޅުން މުޅިން މަނާކުރުން.(ރަށުގެ ހާލަތަށް ބަލައި އެޗްޕީއޭއިން ކާފިއު ވަގުތު އިތުރުކުރުމަކީ އެކަށީގެންވާކަމެއް)
- އެހެނިހެން ރަށްރަށުން އަންނަ ފަރާތްތަކަށް ވެކްސިންގެ ޑޯޒް ފުރިހަމަކޮށްފައިވާނަމަ ރަށަށް އަރައި ފޭބުމުގައި ހުރަހެއް ނެތެވެ.
- މިއަދަށްފަހު މަސްވެރި އުޅަނދުތަކުގެ މީހުން ރަށަށް ފައިބައިފިނަމަ، ފުރާ އުޅަނދު ފަހަރުގެ މީހުންނަށް އަރައި ފޭބޭނީ ވެކްސިން ކަވަރޭޖް ފުރިހަމަވެފައިވާ ރަށްރަށަށެވެ. އަދި އެފަރާތަކަކީ ވެކްސިން ޑޯޒް ފުރިހަމަކުރެވިފައިވާ ފަރާތްތަކަށް ވާންޖެހޭނެއެވެ.
- ވެކްސިންގެ ޑޯޒް ފުރިހަމަކޮށް 14 ދުވަސްވެފައިވާ ފަރާތްތަކަށް، ވެކްސިން ކަވަރޭޖް ހަމަވެފައިވާ ރަށްތަކަށް ދަތުރުކުރުމުގައި ހުރަހެއް ނެތެވެ. ނަމަވެސް ވެކްސިންގެ ޑޯޒް ހަމަނުކުރާ ފަރާތްތަކުން ދަތުރުކުރަންވާނީ ދަތުރު ހުއްދަ ލިބިގެންނެވެ.
- ވެކްސިންގެ ޑޯޒް ފުރިހަމަކޮށްފައި ވީނަމަވެސް، ކަރަންޓީން ނުވާގޮތަށް ވެކްސިން ކަވަރޭޖް ފުރިހަމަ ނުވާ ރަށަކަށް ދަތުރުކުރެވޭނީ 72 ގަޑިއިރު ހަމަނުވާ ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކުއެވެ.
- ޒަރޫރީ ބޭނުމެ ނެތި އެއްވެސް ފަރާތަކުން ގެއިން ބޭރަށް ނުކުމެ ނޫޅުން.
- ޕާޓީތަކާއި، ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުން.
- ގެއިންބޭރަށް ނުކުމެއުޅޭ ހުރިހައި ހާލަތެއްގައި މާސްކު އެޅުން.
- އެއްގެއިން އަނެއްގެއަށް ޒިޔާރަތްކުރުން ހުއްޓާލުން.
- ހޮޓާ ކެފޭ ރެސްޓޯރަންޓްތަކުން ހަމައެކަނި ޑެލިވަރީ އާއި ޓޭކްއަވޭގެ ޚިދުމަތް ދިނުން.
- ސެލޫން އަދި ބޯކޮށާ ތަންތަން ބަންދުކުރުން.
- ފިހާރަތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި އެޗް.ޕީ.އޭގެ ގައިޑްލައިނާއި އެއްގޮތަށް ބެހެއްޓުން.
- ކުޅިވަރުގެ ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހިންގުން ހުއްޓާލުން.
- ގުރޫޕް ހަދައިގެން ތަންތަނަށް އެއްވެއުޅުން މަނާކުރުން.
- އެއްފަހަރާ 3 މީހުންނަށްވުރެ ގިނަ މީހުން އެކުގައި މަގުމައްޗާއި އާންމު ތަންތަނުގައި އެއްވެއުޅުން ހުއްޓާލުން.
- ޤުރްއާން ކްލާސްތަކާއި ޓިއުޝަން ކްލާސްތައް ފަދަ ތަންތަން މެދުކަނޑާލައި، ކުރިއަށް ގެންދާނަމަ އޮންލައިންކޮށް ކުރިއަށް ގެންދިއުން.
- ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާކުރާ ފަރާތްތަކާއި، ހައިރިސްކު ބޭފުޅުން މިސްކިތަށް ދިއުމުގެ ބަދަލުގައި ގޭގައި ނަމާދުކުރަން އިސްކަންދިނުން.
މީގެ އިތުރުން އެ ކައުންސިލުން ވަނީ ކޯވިޑް ކޭސްތަކާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދައި، އަދިބަލަންޖެހޭ އިތުރު ބެލުންތައް ބެލުމަށްފަހު، އިތުރު ފިޔަވަޅުތައް އެޅުމަށްވަނީ ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.
އިހަވަންދޫއިން ކޯވިޑްއަށް ޕޮޒިޓިވް ވެފައިވާ މީހެއް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހާލު ދެރަވުމުގެ ސަބަބުން އެރަށު ފްލޫ ކްލިނިކްގައި އެޑްމިޓް ކޮށްގެން އަވަސް ފަރުވާ ވެސް ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!