ސަރުކާރުގެ ފެނާއި ނަރުދަމާގެ ވައުދު ފުރިހަމަކުރުމުގެ ގޮތުން، އެ ހިދުމަތް ނެތް ރަށްރަށުގައި ހިދުމަތް ފެށުމުގެ މަސައްކަތް މިއަދު ކޮންޓްރެކްޓަރުންނާ ހަވާލު ކުރި އިރު އެންމެ ބޮޑި ހިއްސާދާރަކަށް ފެނަކަ ކޯޕަރޭޝަން ހަދައިފިއެވެ.

މިއަދު ހަވާލު ކުރި 32 ޕްރޮޖެކްޓުގެ ތެރެއިން 70 އިންސައްތަ މަސައްކަތް ހަވާލު ކުރީ ފެނަކައާ އެވެ. މިއީ ހުރިހާ ފަރާތްތަކުން ވެސް، އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގެ ދާއިރާގައި ފެނަކައިގެ ހިއްސާ ބަލައިގަނެ، ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ކުންފުންޏަށް ލިބިފައި ވާކަމުގެ ހެއްކެއް ކަމަށް ފެނަކައިން ބުންޏެވެ.

Ad
rt

މިއީ ފެނަކައިގެ ތާރީހުގައި ވެސް މިހާތަނަށް ހަވާލުވި އެންމެ ބޮޑު މަޝްރޫއެވެ. އެހެންވެ، ފުރިހަމަގޮތުގައި އަވަސްކަމާއެކު މަސައްކަތް ނިންމައި، މިދާއިރާއިން ނަމޫނާ ދެއްކުމަށް ފެނަކަ އޮތީ ސާބިތުކަމާއެކު ތައްޔާރުވެފައި ކަމަށް އެ ކުންފުނިން ބުންޏެވެ.

ފެނަކައާ ހަވާލު ކުރި މަޝްރޫއުތަކުގެ އަގު 600 މިލިއަން ރުފިޔާ އަށް އަރާފައިވާއިރު އެއްބަސްވެފައިވާ ތާރީހަށްވުރެ ކުރިން ނިންމައި، ފެނާއި ނަރުދަމާގެ ޒަމާނީ ނަމޫނާ ނިޒާމްތަކެއް ވުޖޫދު ކުރުމަށް ފެނަކައިން ވަނީ އަމާޒު ހިފާފައެވެ.

ރާއްޖޭގެ އެންމެ ގިނަ ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމުތައް ހިންގައި ބަލަހައްޓަމުންދާ ކުންފުންޏަށް ފެނާއި ނަރުދަމާގެ ނިޒާމުތަކެއް ގާއިމް ކުރުމަށް ލިބިގެން ދިއުމަކީ، އަލަށް ގާއިމްކުރެވޭ ނިޒާމްތަކުން، ޒަމާނީ ފަންނުވެރި ކަމުގެ އީޖާދީ ވިސްނުމާއެކު އައު ހަރުފަތަކަށް ހިދުމަތް ފުޅާކޮށް، ދެމެހެއްޓެނިވި ހިދުމަތްތަކެއް ކަށަވަރު ކުރުމަށް އެޅިގެން ދިޔަ ހަރުދަނާ ބިންގަލެއް ކަމަށް އެ ކުންފުނިން ބުންޏެވެ.