ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގެ ސައިޒުގެ ކުޑަބޮޑު މިނަކުން ނުވަތަ އާބާދީގެ ގިނަމަދު މިނަށް ބަލައި ސަރުކާރުން ކުރި ފަރަގެއް، ތަފާތެއް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވެފައި ވަނީ މިހާތަނަށް ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް ނުފެށި އޮތް 23 ރަށުގައި އެ ޚިދުމަތް ޤާއިމުކުރުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ތަރައްގީގެ ވާހަކަ ދައްކަންވާނީ ވެސް ގައިން ތާހިރުވެގެން ތިބެކަމަށް ބުނީ މި ސަރުކާރުން ކަމަށާއި، އަދި މިހިނގާ ރިޔާސީ ދައުރަކީ ދިވެހި ޖުމްހޫރިއްޔާގެ ހަޔާތުންއައި އެންމެ ސާފުތާހިރު ފަސް އަހަރުކަމުގައި ބުނީ ވެސް މި ސަރުކާރުން ކަމަށެވެ.
ރިޔާސީ ދައުރުގައި ރާއްޖޭގައި މީހުންއުޅޭ ހުރިހާރަށެއްގައި ފެނާ ނަރުދަމާ އަޅާނެކަމުގެ ވައުދުވީ ވެސް މި ސަރުކާރުން ކަމަށް ވިދާޅުވެ، ސާފުތާހިރުކަމަކީ އީމާންކަމުގެ އެއްބައިކަމުގައި ބުނާ ދުރޫސުލް އަހްލާގްގެ ފިލާވަޅު އަދިވެސް ހަނދާނުގައި އެބަހުރިކަމަށާއި، އެއީ ޒާތުގައި މާނަވީ ވާޖިބެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ވާޖިބަކަށް ވައުދުނުވެ ހުންނާކަށް ޒަމީރު ޖާގައެއް ނުދިންކަމަށާއި، މި ސަރުކާރަށް އަހަރެއްވީ ތަނާހެން މުޅި ގައުމު ހުއްޓި މުޅި ދުނިޔެ ދުށް ކޯވިޑް ވަބާ ލައިގަތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އެއީ ލާޒިމް ކަންކަން ނުކުރުމަށް އޮތް ބަހަނާއެއް ނޫން ކަމަށް ކުރިން ވެސް ވިދާޅުވިކަމަށާއި، އަދި އެއީ ބަހަނާއަކަށް ނުވެސް ހައްދަވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ވަނީ އޭގެ ސާފުސިދާ ދަލީލާއ،ި ހުއްޖަތު ގާއިމުކޮށްފަ ކަމަށެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް އަޅުގަނޑުމެންގެ ސަރުކާރުގެ ފުރަތަމަ ދުވަހު ފެއްޓެވިކަމަށާއި، މަޝްރޫޢުތައް ހަވާލުކުރަމުން މަސައްކަތް ނިންމާ ޚިދުމަތް ދިނުމުގައި އަވަދިނެތި ސަރުކާރު ދެމިއޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންކަމާއެކު ވެސް މަސައްކަތް ހަވާލުނުވެ މިއަދާއި ހަމައަށް ވަރަށް މަދު ރަށްތަކެއް ހުރި، އެއީ 16 ރަށެއްގެ ނަރުދަމާއާއި، 23 ރަށެއްގެ ފެނުގެ ނިޒާމް، މިއަދުގެ މި ހަފުލާއަށްފަހު ދިވެހި ރާއްޖޭގައި ފުރޮޅި އިންގިލާބުވެގެން އެދަނީ ތަރައްގީގެ އެހެން މަރުހަލާއެއް، ސައިޒުން ކުޑަސް ނުވަތަ ބޮޑަސް، މީހުން ގިނަޔަސް އަދި މަދަސް ސަރުކާރުން މިކަމުގައި އެއްވެސް ރަށެއް ފަރަގެއް، ކުރި ތަފާތެއް އިރާދަ ކުރެއްވިއްޔާ ނޯންނާނެ" ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިޙްގެ ވާހަކަފުޅުގައި ވަނީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖޭގައި މީހުން ދިރިއުޅޭ 188 ރަށުގެ ތެރެއިން ފެނުގެ ނިޒާމް ގާއިމްކޮށްފައި ވަނީ 37 ރަށެއްގައިކަމަށާއި، އަދި ނަރުދަމާގެ ނިޒާމް ގާއިމްކޮށްފައި ވަނީ 69 ރަށެއްގައިކަން ފާހަގަ ކުރަށްވާފައެވެ.
އެ ނިޒާމް ގާއިމްކޮށްފައި ނުވާ ހުރިހާ ރަށެއްގައި އެ މަސައްކަތްކުރުމަށް ކޮންޓްރެކްޓް މިއަދު ހަވާލުކުރުމާއެކީ ހުރިހާ ރަށަކަށް ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމެއް ޔަގީންވެގެން ދިޔަ ކަމެއްގެ ގޮތުގައި ރައީސް ޞާލިޙްގެ ވާހަކަފުޅުގައި ވަނީ ސިފަކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!