ހއ.ހޯރަފުށީ ކުލަބް ޖީއެސްގެ ވޮލީބޯލް ޓޯނަމެންޓް 2021 ގެ ޗެމްޕިއަންކަން ހޯރަފުށީ ޕޮލިސްޓޭޝަނުން ހޯދައިފިއެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅެފައިވަނީ 26 ޑިސެމްބަރ 2021 ވީ އާދީއްތަ ދުވަހުގެ ރޭ ހޯރަފުށީ ސްޕޯޓްސް އެރީނާ ވޮލީ ކޯޓުގައެވެ. ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ހޯރަފުށީ ޕޮލިސްޓޭޝަންއާއި ހޯރަފުށީ ފެނަކަ ބްރާންޗްގެ ޓީމެވެ. މި މެޗު 3 ސެޓް 2 ސެޓުން ކާމިޔާބުކޮށް މުބާރާތުގެ ތަށި ހޯރަފުށީ ޕޮލިސް ޓީމުން ވަނީ އުފުލާލާފައެވެ. މެޗުގެ ސެޓްތައް ގޮސްފައި ވަނީ 21/25، 21/25، 25/16، 25/12، އަދި 15/10 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ހޯރަފުށީ ޕޮލިސް ޓީމްގެ ދީޕްތީ ރޮމޭޝްއެވެ.
ފައިނަލް މެޗު ނިމުމުން ވަނީ މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ހަނދާނީ ލިޔުމާއި މެޑަލްއާއި ޓްރޮފީ ހަވާލުކޮސްފައެވެ. މި މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވިފައިވަނީ ފެނަކައިގެ މުބާޝަރް ރަޒާ، ފެނަކައިގެ ހުސައިން ޝިޔާމް، ފެނަކައިގެ މުޙައްމަދު ލިއުޝާދް، ޕޮލިސް ޓީމްގެ ދީޕްތީ ރޮމޭޝް، ޕޮލިސް ޓީމްގެ ސަދުންގެ އިތުރުން އެޗްއޭއާރުސީގެ އަހްމަދު އަބްދުލް ކަރީމެވެ.
މުބާރާތުގެ އެންމެމޮޅު ލިބަރޯ ކުޅުންތެރިއަކަށް ފަތުހުﷲ އަހްމަދު ހޮވިފައިވާއިރު، އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޕޮލިސް ޓީމްގެ ކޯޗް އިބްރާހީމް ފަޒްލީންއެވެ. މުބާރާތުގެ ރަނަރަޕް ޓީމަކީ ހޯރަފުށީ ފެނަކައެވެ.
މި މުބާރާތަކީ ހޯރަފުށީގެ ކުލަބް ޖަމްޢިއްޔާތަކާއި ސަރުކާރު އޮފީތަކަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި، އަމިއްލަ ކުންފުނިތަކަށާއި، ވިޔަފާރިތަކަށް ހުޅުވާލައިގެން ހޯރަފުށީ ކުލަބް ޖީއެސްގެ ފަރާތުން ކުރިއަށް ގެންދިޔަ މުބާރާތެކެވެ.
މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމަކުން ވަނީ ބައިވެރި ވެފައެވެ. އެ ޓީމްތަކަކީ ހޯރަފުށީ ޕޮލިސްޓޭޝަން، ހޯރަފުށީ ފެނަކަ ބްރާންޗް، ހޯރަފުށީ އެއާޕޯޓް ރިކްރިއޭޝަން ކުލަބްގެ އިތުރުން ޓީމް ހިޔާއެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 (ދިހަހާސް ރުފިޔާ) އަދި ރަނަރަޕް ޓީމަށް ވަނީ 5000 (ފަސްހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދީފައެވެ.
ކުލަބް ޖީއެސްގެ ފަރާތުން ވަނީ މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހޯރަފުށީ ކައުންސިލާއި، ހޯރަފުށީ ކޮމިއުނިޓީ ސެންޓަރާއި ހޯރަފުށީ ޕޮލިސްޓޭޝަނާއި ހޯރަފުށީގެ ފެނަކައިގެ އިތުރުން ޕާމް ރެސްޓޯރެންޓްގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. މީގެއިތުރުން ހޯރަފުށީ ދާއިރާގެ ރައްޔިތުން މަޖިލީހުގެ އިއްޒަތްތެރި މެމްބަރ އަހްމަދު ސަލީމް ދެއްވި އެހީތެރިކަން ފާހަގަކޮށް އެ ފަރާތަށް ވެސް އެ ކުލަބުން ވަނީ ޝުކުރު އަދާކޮށްފައެވެ. މީގެއިތުރުން އެކިގޮތްގޮތުން އެހީތެރިކަންދެއްވި އެންމެހާ ފަރާތްތަކަށް އެ ކުލަބުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!