ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހުގެ ރޭ ބާސެލޯނާއާއި އެލްޗޭ ބައްދަލުކުރި މެޗު ބާސާއިން ކާމިޔާބު ކޮށްފިއެވެ. ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ.

ބާސާ ރޭގެ މެޗަށް ނުކުތްއިރު އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް އެ ޓީމަށް މޮޅެއް ލިބިފައިނުވުމުގެ ސަބަބުން ޓީމް އޮތީ އެންމެ ރަނގަޅު ހާލަތެއްގައި ނޫނެވެ. ލީގުގައި މި މަހުގެ ހަތަރުވަނަ ދުވަހު އަމިއްލަ ދަނޑުގައި ރެއާލް ބެޓިސްއަތުން ބަލިވިއިރު، ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ބަޔާން އަތުން ތިންލަނޑުން ބަލިވެ ބާސާ ވަނީ ޗެމްޕިއަންސް ލީގުން ވެސް ކަޓާފައެވެ. މި ނުތަނަވަސްކަން ފިލުވާލުމަށް ލީގުގައި އޮސަސޫނާއާއި ދެކޮޅަށް ނުކުތް މެޗު ވެސް ނިމިގެން ގޮސްފައި ވަނީ އެއްވަރު ވެގެންނެވެ.

Ad
rt

ރޭގެ މެޗުގެ ކުރީކޮޅު ބާސާއިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. ފުރަތަމަ ލަނޑު 16 ވަނަ މިނެޓުގައި ޑެމްބެލޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ފެރާން ޖަގްލާ ކާމިޔާބު ކޮށްދިންއިރު ދެވަނަ ލަނޑު 22 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ގަވީއެވެ.

މެޗުގެ ކުރީކޮޅު ބާސާއިން ދެ ލަނޑު ކާމިޔާބު ކުރުމާއިއެކު ފަސޭހަކަމާއިއެކު ބާސާއިން މެޗު ކާމިޔާބު ކުރާނެކަމަށް ބެލެވުނު ނަމަވެސް، މެޗުގެ ދެވަނަ ހާފުގައި އެލްޗޭއިން ވަނީ ދެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށް ބާސާ ޕްރެޝަރަށް ވައްޓާލާފައެވެ. އެލްޗޭއިން ކާމިޔާބުކުރި ފުރަތަމަ ކަނޑު 62 ވަނަ މިނެޓުގައި ޓެޓޭ މޮރެންޓޭ ކާމިޔާބު ކޮށްދިންއިރު ދެވަނަ ލަނޑު 63 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޕެރޭ މިލާއެވެ.

މެޗުން ބާސާ މޮޅުވިލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް ގަވީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ނިކޮލަސް ގޮންޒާލެޒްއެވެ.

މި ނަތީޖާއާއި އެކު ބާސާ ވަނީ ތާވަލުގެ ހަތްވަނަ އަށް ޖެހިލާފައެވެ. އެ ޓީމަށް ލިބިފައި ވަނީ 17 މެޗުން 27 ޕޮއިންޓެވެ. މެޗުން ބަލިވި އެލްޗޭ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 16 ވަނާގައެވެ. އެ ޓީމަށް ލިބިފައި ވަނީ 18 މެޗުން 15 ޕޮއިންޓެވެ. މިވަގުތު ޕޮއިންޓް ތާވަލިގެ އެއްވަނާގައި އޮތީ ރެއާލް މެޑްރިޑެވެ. އެ ޓީމަށް ވަނީ 17 މެޗުން 42 ޕޮއިންޓް ލިބިފައެވެ.