ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ނުރައްކާތެރި ބޮމުގެ ހަމަލާގައި ބޮން ގޮއްވާލި އަހްމަދު އަދުހަމް ރަޝީދު 23 އަހަރަށް ޖަލަށް ލާން މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ރައީސް ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ ކައިރީރޭ ކައިރިން ކާރަށް އަރާވަޑައި ގަންނަވަން ވަޑައިގަންނަވަނިކޮށް މޭ 6 ވަނަ ދުވަހުގެ ރޭ ވަނީ ބޮމެއް ގޮއްވާލާފައެވެ. މި ހާދިސާއާ ގުޅިގެން ލިބުނު ޒަހަމުތަކަށް ފަރުވާއަށް ރައީސް ނަޝީދު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އެރޭ 8:30 ގައެވެ. އޭޑީކޭގައި ގިނަ ސާޖަރީތަކެއް ހެއްދެވުމަށްފަހު އިތުރުފަރުވާއަށް އެމަނިކުފާނު ގެންދެވުނީ ޖަރުމަނަށެވެ. ޖަރުމަނުގައި ވެސް ބައެއް ސާޖަރީތައް ހެއްދެވުމަށްފަހު ރާއްޖެ ވަޑައިގަތުމާއި ހަމައަށް އެމަނިކުފާނު ހުންނެވީ އިނގިރޭސިވިލާތުގައެވެ.

Ad
rt

މި މައްސަލައިގެ ތުހުމަތުވާ މީހުން ހައްޔަރުކޮށް ޝަރީޢަތުގެ މަރުހަލާފަށައި، ބޮންގޮއްވާލި އަދުހަމަށް ޙުކުމްއިއްވުމުގެ މަޖިލިސް މިއަދު އޮތްއިރު، އޭނާއަކީ އަމިއްލައަށް ތައްޔާރުކޮށްފައިވާ ގޮވާ އެތި ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހާ އެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ދައުލަތުން ހަތަރު ދައުވާއެއް އުފުލިއެވެ.

އަދުހަމް ވަނީ ދައުލަތާ އެކު ހެދި އިއުތިރާފް އެއްބަސްވުމެއްގެ ދަށުން ކޯޓުގައި ކުށަށް އިއުތިރާފްވެފަ އެވެ. އަދި ދައުލަތުން މިއަދު ވަނީ އިއުތިރާފްގެ އެއްބަސްވުމުގެ ދަށުން އަދުހަމްގެ މައްޗަށް އުފުލި ހަތަރު ދައުވާގެ ތެރެއިން ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އާއި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާ އަނބުރާ ގެންގޮސްފަ އެވެ.

މިއަދުގެ ޙުކުމް އިއްވު މަޖިލީހުގައި އިއުތިރާފު އަނބުރާ ގެންދަން ބޭނުންވޭތޯ ގާޒީ ވަނީ އަދުހަމާ ސުވާލު ކުރަށްވާފައެވެ. ނަމަވެސް, އިއުތިރާފު އަނބުރާ ގެންދަން ބޭނުން ނުވާ ކަމަށާއި އޭނާ ކޮށްފައިވަނީ ކުށެއް ކަމަށް ގަބޫލުކުރާ ކަމަށް އަދުހަމް ވަނީ ބުނެފައެވެ. އަދި އޭނާ ބުނީ އެ އަމަލު ހިންގުނީ ދީނީ ގޮތުން ގަބޫލު ކުރެވުނު ކަންތައްތަކަކާ ގުޅިގެން ކަމަށެވެ.

މީގެއިތުރުން އަދުހަމް ވަނީ ރައީސް ނަޝީދާއި އަނިޔާ ލިބުނު މީހުންނާއި ދިވެހި ރައްޔިތުންގެ ކިބައިން މާފަށް އެދޭކަމަށް ކޯޓުގައި ބުނެފައެވެ. އަދި މިފަދަ ކަމެއް ދެން ތަކުރާރު ނުވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުން މިއަދު ވަނީ އަދުހަމްގެ އަމިއްލަ އިއުތިރާފުން އެ ކުށް ސާބިތުވާ ކަމަށް ހުކުމްކޮށްފައެވެ. އަދި ދައުވާތަކުގެ އަދަބެއްގެ ގޮތުން އަދުހަމާ އެކު ދައުލަތުން ހެދިި އިއުތިރާފް އެއްބަސްވުމަށް ރިއާޔަތްކޮށް 23 އަހަރާއި 6 މަހާއި 9 ނުވަ ދުވަހަށް އޭނާ ޖަލަށްލާން ހުކުމް އިއްވާފައެވެ.

އެ މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.

މޭ 6 ގެ ހަމަލާއާއި ގުޅިގެން އިތުރު 8 މީހެއްގެ މައްޗަށް ވެސް ދައުވާ އުފުލާފައިވެ އެވެ. އެއީ މއ. ފޭރުގެ މުޖާޒް އަހްމަދާއި، ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކާއި، ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްގެ އިތުރުން ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ އިސްހާގެވެ. އަދުހަމްގެ ޝަރީޢަތުގެ ބޮޑު ބައި ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ ނަމަވެސް ދެންތިބި މީހުންގެ ޝަރީޢަތް އަދި ކުރިއަށް ގެންދަނީ ހުޅުވާލައިގެންނެވެ.