ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ހަމަޖެހިލައިފިއެވެ. އާދީއްތަ ދުވަހުގެ ރޭ ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
މި ސީޒަންގައި ކާލޯ އެންޗެލޯޓީގެ އިރުޝާދުގެ ދަށުން ރެއާލުން މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، ލީގުގައި އެ ޓީމުން އެންމެ ފަހުން ކުޅުނު ދިހަ މެޗު ވެސް ވަނީ ކާމިޔާބު ކޮށްފައެވެ.
މެޗުގައި ރެއާލުން ކާމިޔާބުކުރި ފުރަތަމަ ލަނޑު 16 ވަނަ މިނެޓުގައި ވިނީސިއަސް ޖޫނިއާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ބެންޒެމާއެވެ. މިއީ ލަލީގާގެ މި ސީޒަންގައި ބެންޒެމާ ކާމިޔާބުކުރި 13 ވަނަ ލަނޑެވެ. މެޗުގައި ރެއާލުން ކަމިޔާބުކުރި ދެވަނަ ލަނޑު 57 ވަނަ މިނެޓުގައި އެސެންސިއޯ ކާމިޔާބު ކޮށްދިންއިރު މި ލަނޑު ޖެހުމަށް ވެސް ފުރުޞަތު ފަހި ކޮށްދީފައި ވަނީ ވިނީސިއަސްއެވެ. ރަނގަޅު ފޯމެއްގައި އޮތް ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު 23 މެޗުގެ ތެރެއިން އެ ޓީމް ބަލިވެފައި ވަނީ އެންމެ ދެ މެޗުންނެވެ.
މި ނަތީޖާއާއިއެކު ރެއާލަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އަށް ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. ރެއާލް އެއްވަނާގައި އޮތީ ކުޅުނު 17 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް ސެވިއްޔާއަށް 16 މެޗުން ލިބިފައި ވަނީ 34 ޕޮއިންޓެވެ. މެޗުންބަލިވި އެތުލެޓިކޯ ކުޅުނު 16 މެޗުން ލިބުނު 29 ޕޮއިންޓާއިއެކު އޮތީ ހަތަރު ވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!