ސްޕެނިޝް ލަލީގާގައި އާދީއްތަ ދުވަހުގެ ރޭ ބާސެލޯނާއާއި އޮސަސޫނާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އޮސަސޫނާގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 2-2 ގެ ނަތީޖާއަކުންނެވެ.

މި މެޗު އެއްވަރު ވުމުން ބާސާ އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް އެ ޓީމަށް މޮޅެއް ލިބިފައިނުވެއެވެ. ލީގުގައި މި މަހުގެ ހަތަރުވަނަ ދުވަހު އަމިއްލަ ދަނޑުގައި ރެއާލް ބެޓިސްއަތުން ބަލިވިއިރު، ނިމިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ބަޔާން އަތުން ތިންލަނޑުން ބަލިވެ ބާސާ ވަނީ ޗެމްޕިއަންސް ލީގުންވެސް ކަޓާފައެވެ. މި ނުތަނަވަސްކަން ފިލުވާލުމަށް ލީގުގައި އާދީއްތަ ދުވަހުގެ ރޭ އޮސަސޫނާއާއި ދެކޮޅަށް ނުކުތް ނަމަވެސް މެޗުން އެއްވަރުވެ ބާސާއަށް ވަނީ ނުތަނަވަސް ކަން އިތުރުވެފައެވެ.

Ad
rt

މި މެޗުގައި ބާސާގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ ބާސާއިންނެވެ. މި ލަނޑު 12 ވަނަ މިނެޓުގައި ގަވީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ނިކޮލަސް ގޮންޒާލެޒްއެވެ. ބާސާއިން ލަނޑުޖެހިތާ ދެ މިނެޓް ފަހުން އޮސަސޫނާގެ ޑޭވިޑް ގާސިއާވަނީ ލަނޑުޖހައި މެޗުގެ ނަތީޖާ ފުރަތަމަ ފަހަރަށް ހަމަހަމަ ކޮށްފައެވެ.

ބާސާއިން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގާފައި ވަނީ ދެވަނަ ހާފުގެ ކުރީކޮޅު އެ ޓީމްގެ އަބްދުއްސަމަދު އީޒަލްޒޫލީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މި ނަތީޖާއާއިއެކު ނިމެންދަނިކޮށް އޮސަސޫނާއިން ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަ ކޮށްފައިވަނީ 86 ވަނަ މިނެޓުގައި އެޒެކުއެލް އަވިލާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މި ނަތީޖާއާއިއެކު ބާސާ ވަނީ ޕޮއިންޓް ތާވަލުގެ 8 ވަނައަށް ވެއްޓިފައެވެ. އެ ޓީމަށް 16 މެޗުން 24 ޕޮއިންޓް ލިބިފައިވާއިރު، ބާސާއާއި އެއްވަނާގައި އޮތް ރެއާލް މެޑްރިޑާއި ދެމެދެ 15 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. އާދީއްތަ ދުވަހުގެ ރޭ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރާ މެޗު ކާމިޔާބު ކޮށްގެން ފަރަގު ބޮޑު ކުރުމުގެ ފުރުޞަތު ރެއާލަށް ވަނީ ތަނަވަސް ވެފައެވެ.