ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އީގައި ބުދަ ދުވަހުގެ ރޭ ބަޔާން މިޔުނިކާއި ބާސެލޯނާ ބައްދަލުކުރި މެޗުން ބަޔާން މޮޅުވުމުން، މުބާރާތުގެ ގަދަ 16 ބުރުން ބާސާއަށް ފުރުޞަތު ގެއްލިއްޖެއެވެ. މިއީ ފާއިތުވި 21 އަހަރުގެ ތެރޭގައި ބާސާއަށް ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުން ޖާގަ ނުލިބުން ފުރަތަމަ ފަހަރެވެ.
ކޯވިޑް-19 ގެ ކޭސްތައް ޖަރުމަނުގައި އިތުރުވަމުން އައުމާއި ގުޅިގެން، ބާޔާންގެ ދަނޑުގައި ކުޅުނު މި މެޗަށް ސަޕޯޓަރުން ވައްދާފައި ނުވެއެވެ. މި މެޗު ބަޔާނުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ.
ބްރޫޕް އީގެ ފަހު މެޗުތަކާއި ކުރިމަތިލީއިރު ބަޔާނަށް އޮތީ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ކަށަވަރު ވެފައެވެ. ނަމަވެސް ބާސާއަށް އަށް ދެވަނަ ބުރުގެ ޖާގަ ކަށަވަރުވާން އޮތީ ބަޔާން ބަލިކޮށްގެންނެވެ.
މި މެޗުގައި ބަޔާންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އިރު އެ ޓީމުން ވަނީ މެޗުގެ ފުރަތަމަ ހާފުގައި ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. ފުރަތަމަ ލަނޑު 34 ވަނަ މިނެޓުގައި ލެވަންޑޯސްކީ ބާސާގެ އޭރިއާގެ ތެރެއަށް ހުރަސްކޮށްދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ތޯމަސް މުލާ ކާމިޔާބު ކޮށްދިންއިރު، ދެވަނަ ލަނޑު 43 ވަނަ މިނެޓުގައި އޭރިއާގެ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބު ކޮށްދީފައި ވަނީ ސާނޭއެވެ.
މެޗުގެ ދެވަނަ ހާފުގައި ބާސާއިން ޕްރެސިން ގޭމެއް ކުޅެން މަސައްކަތް ކުރި ނަމަވެސް ބަޔާނުން ވަނީ އެ ޓީމްގެ ސްޓައިލްގައި ކުޅެ ބާސާ ހުއްޓުވާފައެވެ. ބާސާއަށް ލަނޑުޖަހާނެ މަދު ފުރުޞަތުތަކެއް ލިބުނު ނަމަވެސް އޭގެ ބޭނުން ނުކުރެވުމުގެ ފައިދާނަގައި ބަޔާނުން ވަނީ 62 ވަނަ މިނެޓުގައި ލަނޑުޖަހައި ލީޑު އިތުރަށް ފުޅާ ކޮށްފައެވެ. މި ލަނޑު އަލްފަންސޯ ޑާވިސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޖަމާލް މުސިއާލާއެވެ.
މި ގްރޫޕުން ބަޔާނާއިއެކު ދެވަނަ ބުރުން ޖާގަ ހޯދާފައި ވަނީ ބެންފީކާއެވެ. ބެންފީކާ ވަނީ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ޑައިނަމޯ ކިއެވްގެ މައްޗަށް 2-0 ގެ ނަތީޖާއިން ކުރި ހޯދާފައެވެ.
މި ނަތީޖާތަކާއިއެކު ކުޅުނު ހަ މެޗުން ވެސް މޮޅުވެ ލިބުނު 18 ޕޮއިންޓާއިއެކު ގްރޫޕްގެ އެއްވަނަ ލިބެނީ ބަޔާނަށެވެ. ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި އަނެއް ބުރުން ޖާގަ ކަށަވަރުކުރި ބެންފީކާއަށް ހަ މެޗުން ލިބިގައި ވަނީ 8 ޕޮއިންޓެވެ. ތިންވަނާގައި އޮތް ބާސާއަށް ހަ މެޗުން ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. މި ގްރޫޕްގެ ފުލުގައި އޮތީ ޑައިނަމޯ ކިއެވްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!