ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ، ގްރޫޕް ބީގެ ފަހު މެޗުތަކުގައި ލިވަޕޫލާއި އޭސީމިލާން ބައްދަލުކުރި މެޗުން ލިވަޕޫލް މޮޅުވެ ގްރޫޕް ސްޓޭޖްގެ ހަ މެޗުން މޮޅުވި ހަމައެކަނި އިނގިރޭސި ޓީމުގެ ރެކޯޑް ލިވަޕޫލުން ޤާއިމް ކޮށްފިއެވެ. މި ގްރޫޕްގައި އެތުލެޓިކޯ މެޑްރިޑާއި ޕޯޓޯ ބައްދަލުކުރި މެޗު ކާމިޔާބުކޮށް އަނެއް ބުރަށް ދަތުރު ކޮށްފައި ވަނީ އެތުލެޓިކޯ މެޑްރިޑެވެ.
އަންގާރަ ދުވަހުގެ ރޭ ގްރޫޕް ސްޓޭޖްގެ ފަހު މެޗަށް ނުކުތްއިރު ވެސް ލިވަޕޫލަށް އޮތީ އަނެއް ބުރުން ޖާގަ ކަށަވަރުވެފައެވެ. ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްގެން ލިވަޕޫލުން ފެށި މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
މިލާންގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައި ވަނީ މިލާނުންނެވެ. މި ލަނޑު 29 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ފިކަޔޯ ޓޮމޯރީއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ލިވަޕޫލަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު 36 ވަނ މިނެޓުގައި ޖަހައި ދީފައި ވަނީ މުޙައްމަދު ސަލާހެވެ. މިއީ ސަލާހް މި ސީޒަންގައި ލިވަޕޫލަށް ކާމިޔާބު ކޮށްދިން 20 ވަނަ ލަނޑެވެ. މެޗުން ލިވަޕޫލް މޮޅުވި ލަނޑު މެޗުގެ 55 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޑިވޮކް އޮރީގީއެވެ.
ގްރޫޕް ބީގައި އެތުލެޓިކޯ މެޑްރިޑާއި ޕޯޓޯ ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެތުލެޓިކޯ ވެސް ވަނީ އަނެއް ބުރުން ޖާގަ ހޯދާފައެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވެއެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ އެތުލެޓިކޯއިންނެވެ. މި ލަނޑު 56 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ގްރީޒްމަންއެވެ. މެޗުގެ 67 ވަނަ މިނެޓުގައި އެތުލެޓިކޯގެ ކަރެސްކޯއަށް ރަތްކާޑް ދެއްކިއިރު އޭގެ ތިން މިނެޓް ފަހުން ޕޯޓޯގެ ވެންޑެލްއަށް ރަތްކާޑް ދެއްކުމާއި ގުޅިގެން ދެ ޓީމުން ވެސް މެޗުގެ ފަހުބައި ކުޅެފައި ވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
އެތުލެޓިކޯއިން މެޗުގެ ދެވަނަ ލަނޑު 90 ވަނަ މިނެޓުގައި ކޮރެއާ ކާމިޔާބު ކޮށްދިންއިރު އޭގެ ތިން މިނެޓް ފަގުން ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ޑި ޕައުލްއެވެ. ޕޯޓޯއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު 96 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ އޮލިވޭރާއެވެ.
ގްރޫޕް ބީގެ މެޗުތަށް ކުޅެ ނިމިފައިވާއިރު ކުޅުނު ހަ މެޗުން މޮޅުވެ 18 ޕޮއިންޓާއިއެކު ގްރޫޕް އެއްވަނަ އޮތީ ލިވަޕޫލެވެ. ކުޅުނު ހަ މެޗުން ލިބުނު ހަތް ޕޮއިންޓާއެކު އެތުލެޓިކޯ އޮތީ ދެވަނާގައެވެ. ކުޅުނު ހަ މެޗުން ލިބުނު 5 ޕޮއިންޓާއިއެކު ޕޯޓޯއަށް އޮތީ ތިންވަނާގައެވެ. ކުޅުނު ހަ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ފުލުގައި އޮތީ މިލާނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!