އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ.
މިއީ މި ސީޒަން ފެށިއިރު ޔުނައިޓެޑްގެ ކޯޗްގެ މަޤާމުގައި ހުރި ސޯލްޝެއާ އެ މަޤާމުން ވަކިކުރުމަށް ފަހު ދާދި ފަހުން ޔުނައިޓެޑްގެ ވަގުތީ ކޯޗްކަމަށް ހަމަޖެއްސި ޖަރުމަނުގެ ރަންގްނިކް އެ ޓީމާ ހަވާލުވިފަހުން ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގައި ޔުނައިޓެޑުން ވަނީ ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައެވެ.
މިގޮތުން ޔުނައިޓެޑްގެ ޓެލެސްއާއި ބްރޫނޯ ފެނާންޑޭޒްގެ އިތުރުން ޑަލޮޓްއަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުޞަތު ލިބިފައެވެ. ނަމަވެސް އެ އެއްވެސް ފުރުޞަތެއްގެ ބޭނުން ހިފިފައިނުވެއެވެ. މި މެޗުގައި ޕެލަސްއަށް މާ އެދެވޭ ހަމަލާއެއް ޔުނައިޓެޑްގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވިފައި ނުވެއެވެ.
މި މެޗުގައި ޔުނއިޓެޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި ގްރީންވުޑް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރ ފްރެޑެވެ.
ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލައިލާއިރު އަމިއްލަ ދަނޑުގައި ޓޮޓެންހަމްއިން ވަނީ 3-0 ގެ ނަތީޖާއަކުން ނޯވިޗްސިޓީ ބަލިކޮށްފައެވެ. ލީޑްސްއާއި ބްރެންޓްފޯޑް ބައްދައްލުކުރި މެޗު 2-2 ގެ ނަތީޖާއިން އެއްވަރުވއިރު، ޖެރާޑްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އެސްޓަންވިލާއިން ވަނީ 2-1 ނަތީޖާއިން ލެސްޓާސިޓީ ބަލިކޮށްފައެވެ.
ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލު މިހާރު އޮތްގޮތަށް ބަލައިލާއިރު 15 މެޗުން ލިބުނު 35 ޕޮއިންޓާއިއެކު އެއްވަނާގައި އޮތީ މެންޗެސްޓާ ސިޓީއެވެ. ދެވަނާގައި ލިވަޕޫލް އޮތީ 15 މެޗުން 34 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނާގައި އޮތް ޗެލްސީއަށް ލިބިފައި ވަނީ 15 މެޗުން 33 ޕޮއިންޓެވެ. ހަތަރުވަނާގައި ވެސްޓްހަމް އޮތީ 15 މެޗުން 27 ޕޮއިންޓް ހޯދައިގެންނެވެ. 14 މެޗުން 25 ޕޮއިންޓް ހޯދައިގެން ޓޮޓެންހަމް ފަސް ވަނާގައި އޮތްއިރު، ހަވަނާގައި އޮތީ 15 މެޗުން 24 ޕޮއިންޓް ހޯދައިގެން ޔުނައިޓެޑެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!