ދިވެހިރާއްޖޭގެއަޑުން ކުރިޔަށް ގެންދިޔަ "އެންމެ މަޤްބޫލު މަންޒިލް 2020" ޕްރޮގްރާމުގެ އެހުންތެރިންގެ އެންމެ ގިނަ ވޯޓު ލިބިގެން، އެ ޕްރޮގްރާމުން ހޮވާ ރާއްޖޭގެ އެންމެ މަޤްބޫލު މަންޒިލްގެ ގޮތުގައި ހއ. ކެލާ ހޮވިއްޖެއެވެ.
ދިވެހިރާއްޖޭގެއަޑުގެ "އެންމެ މަޤްބޫލު މަންޒިލް 2020" ޕްރޮގްރާމަކީ 2020 ވަނަ އަހަރުގެ ޖެނުއަރީން އެ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުން ހޮވާ އެންމެ މަގްބޫލް މަންޒިލް ހޮވަނީ އެހުން ތެރިންގެ ވޯޓުންނެވެ. މިގޮތުން ކެލާ މި މަގާމް ހާސިލްކުރީ ކެލާއާއި ވާދަކުރި ރާއްޖޭގެ 9 ރަށެއްގެ މައްޗަށް ކުރި ހޯދައި، އެހުންތެރިންގެ 29 އިންސައްތަ ވޯޓުންނެވެ.
ކެލާއަށް ލިބުނު މި ޝަރަފްވެރި އެވޯޑު ހަވާލުކުރުން އޮތީ މިދިޔަ އަންގާރަ ދުވަހު ދިވެހިރާއްޖޭގެ އަޑުގައެވެ. މި އެ ވޯޑާ ކެލާގެ ފަރާތުން ހަވާލުވީ ކެލާ ކައުންސިލްގެ ރައީސް ޢަބުދުﷲ އިންފާޒެވެ. އަޑުގެ ފަރާތުން މި އެވޯޑް ހަވާލުކޮށްދެއްވީ އަޑު ހިންގާ ކުންފުނި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ސަމީމެވެ.

ކެލާ ކައުންސިލުން ވަނީ ދިވެހިރާއްޖޭގެއަޑުން ކުރިޔަށް ގެންދިޔަ "އެންމެ މަޤްބޫލު މަންޒިލް 2020" ޕްރޮގްރާމުގެ އެއްވަނަ އެ ރަށަށް ލިބިގެން ދިޔުމުން އެކަން ފާހަގަކުރަށްވައި، ކެލާ ރައްޔިތުންނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި ވާދަކުރި އެހެން ރަށްރަށާއި އެކުވެރި ވާދަވެރި ރޫޙެއްގައި ބައިވެރިވެ، ޕްރޮގްރާމު ކާމިޔާބު ހުށަހެޅުމެއްގެ ގޮތުގައި ގެނެސްދިނުމުގައި އެހީތެރިވި އެންމެހައި އެހުންތެރީންނަށް ވެސް ކެލާ ކައުންސިލުން ވަނީ ޝުކުރުއަދާކުރަށްވާފައެވެ.
ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓާ އެންމެ 10 މޭލު ދުރުގައި އޮންނަ ކެލާ އަކީ ގުދުރަތީ މުއްސަނދިކަން ލިބިފައިވާ، ބޮޑުމިނުގައި 213 ހެކްޓަރު ހުންނަ ރަށެކެވެ. އެރަށުގައި މިހާރުވެސް ފަސް ގެސްޓްހައުސް އެއް ހިންގައެވެ.
ކެލާ ތުނޑީގައި ރިސޯޓެއް ތަރައްގީކުރަން މިހާރު ހަވާލުކޮށްފައިވާއިރު، ފަތުރުވެރިކަމުގެ ރަށެއް ގޮތުގައި ކެލާ ތަރައްގީ ކުރުމަށް 11 ބިމެއް ދޫކުރުގެ މަރުހަލާތައް ވެސް މިހާރު ކުރިއަށް އެބަދެއެވެ.
ކެލާއަށް ވަނީ، މޯލްޑިވްސް ޓްރެވަލް އެވޯޑް 2017 ގެ ގެސްޓް ހައުސް އެޑިޝަންގެ "ލީޑިންގ ބީޗް އައިލަންޑް އެވޯޑު" ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!