އިޓާލިއަން ސީރިއާ އޭގެ މިވަގުތު ޕޮއިންޓް ތާވަލުގެ ފުލުގައި އޮތް ސަލެނިޓާނާއަތުން މޮޅުވެ، ފޯމު ދައްވެފައިއޮތް ޔުވެންޓަސްއަށް ކޮނަމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބިއްޖެއެވެ. ސަލެނިޓާނާގެ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މި މެޗު ޔުވެންޓަސްއިން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

ޔުވެންޓަސްއިން މި މެޗާއި ކުރިމަތިލީއިރު އެ ޓީމުން އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފައެވެ. ޗެމްޕިއަންސް ލީގުގައި ޗެލްސީއަތުން 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވިއިރު، ލީގުގައި އެންމެ ފަހުން އަމިއްލަ ދަނޑުގައި އެތުލާންޓާ އަތުން ވެސް ޔުވެންޓަސް ވަނީ ބަލިވެފައެވެ.

Ad
rt

މި މެޗުގައި ޔުވެންޓަސްއިން ލީޑު ނަގާފައި ވަނީ މެޗުގެ 21 ވަނަ މިނެޓުގައެވެ. މި ލަނޑު ކުލުސެވެސްކީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޕައުލޯ ޑިބާލާއެވެ. މިއީ އޭނާ މި ސީޒަންގެ ލީގުގައި ޔުވެންޓަސްއަށް ކާމިޔާބު ކޮށްދިން ހަތަރުވަނަ ލަނޑެވެ. މެޗުގެ ފުރަތަމަ ހާފު ނިމިފައި ވަނީ މި ނަތީޖާއިންނެވެ.

މެޗުގައި ޔުވެންޓަސްއަށް ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ 70 ވަނަ މިނެޓުގައި ބާނާޑްސްކީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އަލްވާރޯ މޮރާޓާއެވެ.

އިޓާލިއަން ލިގުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނ އިތުރު މެޗުތަކަށް ބަލައިލާއިރު އެތުލާންޓާވަނީ 4-0 ގެ ނަތީޖާއަކުން ވެނޭޒިއާ ބަލިކޮށްފައެވެ. މީގެއިތުރުން ފިއޮރެންޓީނާ އާއި ސަމްޑޯރިއާ ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ފިއޮރެންޓީނާއެވެ.

މި މޮޅާއިއެކު ޔުވެންޓަސް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 6 ވަނާގައެވެ. އެ ޓީމަށް 15 މެޗުން ލިބިފައި ވަނީ 24 ޕޮއިންޓެވެ. ޕޮއިންޓް ތާވަލުގެ އެއްވަނާގައި 14 މެޗުން ލިބުނު 35 ޕޮއިންޓާއިއެކު ނަޕޯލީ އޮތްއިރު، ދެވަނާގައި އޮތީ 14 މެޗުން 32 ޕޮއިންޓް ހޯދައިގެން އޭސީ މިލާނެވެ. ތިންވަނާގައި 14 މެޗުން 31 ޕޮއިންޓް ހޯދައިގެން އޮތީ އިންޓަ މިލާނެވެ.