ފްރާންސް ލީގުގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ނޭމާގެ ވާތުފައިގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން އަށް ހަފްތާގެ މުއްދަތަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެކަން އެ ކުލަބުން ހާމަކޮށްފިއެވެ.
އުމުރުން 29 އަހަރުގެ ނޭމާއަށް އަނިޔާވެފައި ވަނީ މި ހަފްތާގެ އާދީއްތަ ދުވަހުގެ ރޭ ފްރާންސް ލީގުގައި ޕީއެސްޖީއާއި ސެއިންޓް- އެޓިއެން ބައްދަލުކުރި މެޗުގައެވެ. އަނިޔާގެ ސަބަބުން ނޭމާ ވަނީ އަށިގަނޑުގައި ދަނޑުން ބާލާފައެވެ. އެ މެޗު ޕީއެސްޖީން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއަކުންނެވެ.
މި އަނިޔާގެ ސަބަބުން ހަތަރު ހަފްތާގެ ތެރޭ ޕީއެސްޖީ ލީގުގައި ކުޅޭ ހަތް މެޗުގެ އިތުރުން ކުރިއަށް އޮތް ޑިސެމްބަރ މަހު ޗެމްޕިއަންސް ލީގުގައި ކުލަބް ބުރޫޖްއާއި ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުގައި ވެސް ނޭމާއަށް ނުކުޅެވޭނެއެވެ.
ޕީއެސްޖީ މިވަގުތު އޮތީ ފްރާންސް ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި 12 ޕޮއިންޓްގެ ލީޑަކާއި އެކުއެވެ. މީގެއިތުރުން އެ ޓީމުން ވަނީ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ބުރުން ވެސް ޖާގަ ކަށަވަރު ކޮށްފައެވެ.
2017 ވަނަ އަހަރު ރެކޯޑް އަގަކަށް ސްޕެއިންގެ ބާސެލޯނާއިން ޕީއެސްޖީއަށް ބަދަލުވި ނޭމާއަށް ޕީއެސްޖީގައި މޮޅު ކުޅުމެއް ދެއްކުމަށް ދިމާވެފައިވާ އެނެމެ ބޮޑު ގޮންޖެހުމަކަށް ވެފައި ވަނީ ތަކުރާރުކޮށް ދިމާވަމުން އަންނަ އަނިޔާގެ މައްސަލަތަކެވެ.
ޕީއެސްޖީން ނޭމާގެ އަނިޔާގެ ފުރިހަމަ މައުލޫމާތު ކުރިއަށް އޮތް 72 ގަޑިއިރުގެ ތެރޭގައި މީޑިއާއާ ހިއްސާކުރާނެ ކަމުގައި އެ ކުލަބުން ވަނީ ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!