ހދ. ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އެ ރަށުގައި އެޑްވާންސް ލެވެލްގެ ފަހަން ދަސްކޮށްދޭ ކޯހެއް ފަށައިފިއެވެ.

ޖުމްލަ 15 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯސް ފަށާފައި ވަނީ 20 ނޮވެމްބަރ 2021 ވީ ހޮނިހިރު ދުވަހުއެވެ. މި ކޯހުގައި ނޮޅިވަރަންފަރު ކަނބަލުންގެ ތެރެއިން 30 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

Ad
rt

މި ކޯސް ކުރިއަށް ގެންދިއުމަށް އިންސްޓްރަކްޓަރ ހަމަޖައްސައި ދެއްވައި އެފަރާތަށް ދޭންޖެހޭ އުޖޫރައާއި ކޯހަށް ބޭނުންވާ ބައެއް ތަކެތި ހަމަޖައްސަވައި ދެއްވާފައި ވަނީ އެމްއެންޕީގެ ރައީސް ކާނަލް މުޙައްމަދު ނާޒިމެވެ. ނަމަވެސް އެ ފަރާތުގެ އެހެނިހެން ޚަރަދުތައް ހަމަޖައްސައި، މީގެއިތުރުން ކޯހާއި ގުޅުންހުރި ހުރިހާކަމެއް ބަލަހައްޓަމުން އަންނަނީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފަރާތުންނެވެ.

މި ކޯސް ކުރިއަށް ގެންދިޔުމުގައި ކާނަލް ނާޒިމްގެ ފަރާތުން ލިބިގެންދިޔަ އެއްބާރުލުމާއި، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަން ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު (މިސްޓާ) ގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް، ނޮޅިވަރަންފަރު ޑަބްލިއުޑީސީގެ ރައީސާ ނަޒްމީނާ ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

މީގެއިތުރުން ނަޒްމީނާ ވަނީ މި ކޯހުގެ ކަންތައްތަކުގައި ނޮޅިވަރަންފަރު ކައުންސިލްގެ ފަރާތުން ދެއްވާ އެއްބާރުލުން ފާހަގަކޮށް އެ ފަރާތަށް ވެސް ޝުކުރު އަދާކޮށްފައެވެ. ނޮޅިވަރަންފަރު ޑަބްލިއުޑީސީގެ ފަރާތުން އެރަށުގައި ތަފާތު ހަރަކާތްތަށް ކުރިއަށް އޮތްތާގައި ވެސް ހިންގުމަށް ރޭވިފައި ހުރި ކަން ނަޒްމީނާ ވަނީ ފާހަގަ ކޮށްފައެވެ.

އެޑްވާންސް ލެވެލްގެ ފަހަން ދަސްކޮށްދޭ މި ކޯސް ފުރިހަމަ ކުރައްވާ ބައިވެރިންނަށް ކޯސް ފުރިހަމަ ކުރުމުން ސެޓްފިކެޓް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.