ޕްލާސްޓިކް ފުޅީގައި ހުންނަ ކެމިކަލް މާއްދާއެއް ބޭނުންކޮށްގެން ކުރިމަގުގައި ވެނީލާ ފްލޭވާ އުފެއްދިދާނެކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ.

ދިރާސާކުރާ ފަރާތްތަކުގެ ހޯދުންތަކަށް ބަލާއިރު، ޕްލާސްޓިކް ފުޅީގައި ހުންނަ ޓެރެޕްތަލިކް އެސިޑް ބޭނުންކޮށްގެން ވެނިލިން އުފައްދައެވެ. ވެނިލިން އަކީ ކާއެއްޗެހީގެ އިތުރުން ކޮސްމެޓިކްސް އާއި ބޭސް އުފެއްދުމަށްވެސް ބޭނުންކުރާ ކެމިކަލްއެކެވެ.

Ad
rt

ގުދުރަތީ ވެނީލާ ބީންސްއަށް އޮންނަ ޑިމާންޑަށް ވުރެ ވެނިލިންއަށް އޮންނަ ޑިމާންޑް އިތުރުވެ 2018 ވަނަ އަހަރު އެކަނިވެސް 37،000 ޓަނުގެ ވެނިލިން ވަނީ އުފައްދާފައެވެ. 85 އިންސައްތަ ވެނިލިން އުފައްދަމުން އަންނަނީ ފޮސިލް ފިއުލްސް ނުވަތަ ގަސްގަހާއި ގެހި ނުވަތަ ޖަނަވާރު ބޭނުންކޮށްގެންނެވެ.

އެމެރިކާގެ ޔުނިވާސިޓީ އޮފް އެޑިންބާގްގެ ސައިންސްވެރިއެއްކަމަށްވާ ޖޯނާ ސެޑްލާ ހަދާފައިވާ ދިރާސާއަށް ފަހު އޭނާ ހާމަކޮށްފައިވާ ގޮތުގައި ދުނިޔެއަށް ދިމާވެފައިވާ އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށްވެސް ޕްލާސްޓިކް ފުޅިން އުފެއްދޭ ކެމިކަލްތަކުން ފައިދާ ވާނެކަމަށެވެ. އުކާލާ ޕްލާސްޓިކަކީ ދުނިޔޭގެ އެންމެނަށްވެސް ދަތިތަކާއި ކުރިމަތިވަމުން އަންނަ އެއްޗަކަށް ވާއިރު، މިކަމުގެ ސަބަބުންވެސް ބޭކާރުވާ ޕްލާސްޓިކްއަށް ހައްލު ލިބިގެންދާނެކަން ވަނީ ފާހަގަކޮށްފައެވެ.

މުޅި ދުނިޔެއަށް ބަލާއިރު މިނެޓެއްގެ ތެރޭގައި 1 މިލިއަން ޕްލާސްޓިކް ފުޅި އަންނަނީ ވިއްކަމުންނެވެ. މީގެ ތެރެއިން ރިސައިކަލް ކުރެވެނީ މީގެ 14 އިންސައްތައެވެ. އަދި ޕްލާސްޓިކް ފުޅި ރިސައިކަލްކޮށްގެން އުފައްދަނީ އޯޕެކް ފައިބާއެވެ. މީގެން އުފައްދަނީ ގިނައިން އަންނައުނާއި، ކާޕެޓް ފަދަ ތަކެއްޗެވެ.

ޕްލާސްޓިކް ފުޅި ބޭނުންކޮށްގެން ވެނިލިން އުފެއްދުން ވެގެންދާނީ އުކާލެވޭ ޕްލާސްޓިކް ފުޅި ނައްތާލުމަށް ލިބިގެންދާނެ ދެމެހެއްޓެނިވި ހައްލެއްކަމަށްވެސް ސައިންސްވެރިން އަންނަނީ ފާހަގަކުރަމުންނެވެ.