މިސްރުގެ ދެކުނުގެ އަސްވާން ސަހަރުގައި ނަގުލަންދާށީގެ ތުރާ ބޮޑުވެއްޖެ އެވެ.

ނަގުލާންދާށި ކަށިޖެހުމުގެ ސަބަބުން 3 މީހަކު މަރުވެ 450 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބިގެން ފަރުވާދެމުން އަންނަކަމަށް އެގައުމުގެ މީޑިޔާތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ.

Ad
rt

ކުއްލިއަކަށް މިހާ ގިނަ އަދަދެއްގެ ނަގުލަންދާށިތައް ސިޓީގެ ތެރޭގައި ގިނަ ވެފައިވަނީ މޫސުން ގޯސްވެ ކުރަމުންދިޔަ ވިއްސާރައިގެ ސަބަބުން ނީލަ ކޯރު ކައިރީގައި އުފެދުނު ކޮޅިގަނޑުގެ ސަބަބުންކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފަައެވެ. ނަގުލާންދާށީގެ އިތުރުން އެކި ވައްތަރުގެ ހަރުފަތައްވެސް ގެތަކުގެ އެތެރޭންނާއި މަގުތަކުން ފެންނަމުންދާކަމަށްވެސް ބައިނައްލަޤްވާމީ ޚަބަރުތަކުގައި ބުނެފައިވެއެވެ.

އެގައުމުގެ ހެލްތް މިނިސްޓްރީއިން ބީބީސީއަށް ދިން އިންޓަރވިއުއެއްގައި ބުނެފައިވަނީ ނަގުލަންދާށި ކަށި ޖެހުމުގެ ސަބަބުން 3 މީހަކު މަރުވެ 450 އަށް ވުރެ ގިނަ މީހުންނަށް ފަރުވާދެމުން އަންނަކަމަށެވެ.

މިސްރުގެ އަލް އަހްރަމް ނިއުސް އެޖެންސީން ބުނެފައިވާ ގޮތުގައި، ފަރުބަދަތަކާއި ހަނަފަސް ސަހަރާތަކުގެ އިތުރުން ވިލެޖްތަކުގައި ދިރިއުޅޭ މީހުންނަށް ނަގުލަންދާށި ކަށި ޖެހުމުން ލިބޭ ގެއްލުމުން ރައްކާތެރިވުމަށް ބޭނުންކުރާ ވެކްސިން "އެންޓި ވިނޯމް" ފޯރުކޮށްދެމުން އަންނަކަމަށެވެ.

ގިނަ އަދަދަކަށް ނަގުލަންދާށި ފެންނަމުން ދިއުމާއި ގުޅިގެން ގަސްތައް ގިނަ ހިސާބުތަކުގައި ދިރިއުޅޭ މީހުން ގޭގައި ތިބުމަށާއި ރައްކާތެރިވެ ތިބުމަށް މިސްރުގެ ސަރުކާރުން ވަނީ ގޮވާލާފައެވެ.

އެންމެ ނުރައްކާތެރި ނަގުލަންދާށި މިހާތަނަށް ފެނިފައިވަނީ މިސްރުންކަމަށް ރެކޯޑުތަކުން ދައްކައެވެ.