ރައްޔިތުމީހާއަށް ވަގުތުން ބިލު ހަވާލުކުރެވޭނެ ހިދުމަތެއް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ތައާރަފްކޮށްފިއެވެ.

މި ހިދުމަތް ތައާރަފް ކޮށްފައިވަނީ މިއަދު ގދ. ފަރެސްމާތޮޑާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދާއި ހެލްތް މިނިސްޓަރު އަހްމަދު ނަސީމާއި ޕްލޭނިން މިިސްޓަރު މުހައްމަދު އަސްލަމް ބައިވެރިވަޑައިގެންނެވިއެވެ.

Ad
rt

ފެނަކައިން ބުނީ، މި ހިދުމަތް ތައާރަފް ކުރެވުމާއެކު ބިލުތަކުގައި ދިމާވާ މައްސަލަތައް ދެނެގަނެ، އެކަމަށް އަވަސް ހައްލެއް ހޯދައިދެވޭނެ ކަމަށެވެ. އަދި ގޭގައި ބަހައްޓާފައި ހުންނަ މީޓަރުން ރީޑިން ނެގުމާއެކު، ހިދުމަތް ލިބިގަންނަ ފަރާތައް އެމީހާ ދައްކަން ޖެހޭ ފައިސާގެ ތަފްސީލު ވަގުތުން ލިބޭނެ ކަމަށާއި، ބިލު ވަގުތުން ލިބުމާއެކު “ފެނަކަ ބިލް ޕޭ” އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ފައިސާ ދެއްކޭނެ އިންތިޒާމު ވެސް ހަމަޖެހޭނެ ކަމަށް ބުންޏެވެ.

މީގެ އިތުރުން، ބިލުގައި މައްސަލައެއް ވާނަމަ ލަސްނުކޮށް ފެނަކައިގެ މުވައްޒަފުންނަށް އެކަން އެންގުމަށް ފަސޭހަވެގެން ދާނެ ކަމަށް ވެސް ފެނަކައިން ބުންޏެވެ.

މި އެޕްލިކޭޝަން ތައާރަފް ކުރެވުމާއެކު، ބިލް ޕްރިންޓު ކުރުމަށް ފެނަކައިން ކުރާ ހަރަދު އެތައް ގުނައެއް ދަށް ކުރެވޭނެެއެވެ. ފެނަކައިގެ މި ހިދޔމަތާއެކު ރީޑިން ޑިވައިސް މެދުވެރިކޮށް ނެގޭ ބިލުތަކަކީ ތާމަލް ޕްރިންޓް ކުރެވޭ ބިލުތަކެކެވެ. އެހެންވެ، އޭގެ ޕްރިންޓު ކުރަން ހޭދަވާ ހަރަދު ކުޑަ ކުރެވޭނެއެވެ.

ފެނަކައިގެ އަމާޒަކީ ފަންނީ ގާބިލު މުވައްޒަފުންނާއެކު ހިދުމަތުގެ ފަހަތުން ރައްޔިތުމީހާ ދުވާ ދުވުން ހުއްޓުވުން ކަމަށް އެ ކުންފުނިން ބުންޏެވެ.