މުދައްރިސުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކުލަވައިލައްވާފައިވާ ރީސަރޗް ގުރޫޕުގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައްދަލުކުރައްވާ، މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި މަޝްވަރާގައި މުދައްރިސުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދެނެގަތުމަށް ހަދާ ދިރާސާއާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނުކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

Ad
rt

ރައީސް ޞާލިޙް ވަނީ މި ދިރާސާ ކުރެއްވުމަށް "ތަޢުލީމީ ދާއިރާގެ ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރުމުގެ ރީސަރޗް ގުރޫޕު" އެކުލަވާ ލައްވާފައެވެ. މި ގްރޫޕްގައި އެކިދާއިރާތައް ހިމެނޭގޮތުން 6 މެންބަރުން ހިމެނިވަޑައިގަންނަވައެވެ.

މިގޮތުން އެ މެންބަރުން ނިސްބަތްވެ ވަޑައިގަންނަވާ ދާއިރާތަކުގެ ތެރޭގައި އެޑިޔުކޭޝަން ޕޮލިސީ އެންޑް ޕްލޭނިންގ، ހިޔުމަން ރިސޯސަސް، ސޯޝިއޮލޮޖީ، ޓްރެއިނިންގ، ފައިނޭންސް އަދި ތަޢުލީމީ ދާއިރާގެ ތަޖުރިބާކާރުން ހިމެނެއެވެ.

މި ގުރޫޕުގެ މައިގަނޑު މަސައްކަތަކީ މުދައްރިސުންނާ ގުޅޭގޮތުން ތަޢުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ސާފުކޮށް ދެނެގަތުމާއި، ސަރުކާރު ސްކޫލްތަކުގައި މަސައްކަތްކުރާ މުދައްރިސުން އެ ފަންނުގައި ދެމިތިބުމާއި ކުރިއަށްދިއުމަށް ކުރިމަތިވެފައިވާ ދަތިތައް ޢިމްލީ ދިރާސާއެއްގެ ޢަލީގައި ދެނެގަތުމާއި، ތަޢުލީމީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކޮށް، އެ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނެވިދާނެ ގޮތްތަކެއް ހޯދުންކަމަށް ރައީސް އޮފީހުން ވަނީ ހާމަކުރަށްވާފައެވެ.

"ތަޢުލީމީ ދާއިރާގެ ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރުމުގެ ރީސަރޗް ގުރޫޕު" ގައި ހިމެނިވަޑައިގަންނަވާ މެންބަރުން

• ޑޮކްޓަރ އަޙްމަދު އަލި މަނިކު (އެޑިޔުކޭޝަން ޕޮލިސީ އެންޑް ޕްލޭނިންގގެ ދާއިރާ)
• ޑޮކްޓަރ ޢަލީ ނަޖީބު (ހިޔުމަން ރިސޯސަސްގެ ދާއިރާ)
• ޑޮކްޓަރ އާއިޝަތު ޝަފީނާ (ސޯޝިއޮލޮޖީގެ ދާއިރާ)
• އަލްފާޟިލާ އާމިނަތު ޒުބައިރު (ޓްރެއިނިންގގެ ދާއިރާ)
• އަލްފާޟިލް ޢަބްދުﷲ ޒަކަރިއްޔާ (ފައިނޭންސްގެ ދާއިރާ)
• އަލްފާޟިލް ޢަބްދުﷲ ރަޝީދު (ތަޢުލީމީ ދާއިރާ)

މި ރީސަރޗް ގުރޫޕުގެ ޗެއަރއެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ ޑރ އަޙްމަދު އަލި މަނިކެވެ.

ރީސަރޗް ގުރޫޕުގެ މެންބަރުންނާއެކު ނައިބުރައީސް ފައިސަލް ބޭއްވެވި ބައްދަލުކުރެއްވުމުގައި އެ މަނިކުފާނު ވިދާޅުވީ، ތަޢުލީމީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީ މި ސަރުކާރުން މުހިންމު އިސްކަމެއް ދޭ ކަމެއް ކަމަށާއި، ތަޢުލީމީ ދާއިރާއަށް، އަދި ވަކީން ޚާއްޞަކޮށް މުދައްރިސުންނަށް، ކުރިމަތިވެފައިވާ އެކިއެކި ދަތިތައް ދެނެގަތުމަށް ޢިލްމީ ނަޒަރިއްޔާތަކުން ދިރާސާއެއް ހެދުމަކީ މި ވަގުތަށް ނުހަނު މުހިންމު ކަމެއް ކަމުގައެވެ.

މީގެ އިތުރުން، ރީސަރޗް ގުރޫޕުން ހަދާ ދިރާސާ މެދުވެރިކޮށް އެ ދާއިރާއަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތަކާއި ދަތިތައް ހައްލު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ އަމާޒަކީ ދިރާސީ އައު އަހަރަކާ ކުރިމަތިލާއިރު، ތަޢުލީމީ ދާއިރާއާއި މުދައްރިސުންނަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަށް ހައްލު ލިބުން ކަމަށާއި، ރީސަރޗް ގުރޫޕުގެ މެންބަރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވާ، ނައިބުރައީސް ވަނީ އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ޝުކުރު އަދާކުރެއްވިއެވެ.