ހއ. އުތީމު ހުޅަނގު ފަރާތު ތުނޑިން އާސާރީ ވަޅެއް ފެނިއްޖެ އެވެ.
އުތީމު ކައުންސިލުން ވިދާޅުވީ، އެރަށު ހުޅަނގު ފަރާތު ތުނޑިން އާސާރީ ވަޅެއް ކަމަށް ބެލެވޭ ވަޅެއް ފެނިފައިވާކަމަށެވެ.
ގިރާލާފައިވާ ސަރަހައްދުން އެވަޅު ފެނިފައިވަނީ މިއަދު އެވެ.
"މިވަޅު ހިމާތްޔަތް ކުރުމަށްޓަކައި އުތީމު ކައުންސިލާއި، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒާއި، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި ގުޅިގެން މިހާރު ދަނީ މަޝްވަރާތައް ކުރަމުން."
އުތީމު ކައުންސިލުން ވިދާޅުވެފައިވެއެވެ.
އުތީމް ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު "ތިލަދުން" އަށް މަޢުލޫމާތު ދެމުން ވިދާޅުވީ، ބޮޑުތަކުރު ފާނު ދޫނި ހިއްޕަވަން އުޅުއްވިކަމަށް ބުނާ ތުނޑި ސަރަހައްދު މީން ޒަމާނަކުވެސް ނުގިރާވަރަށް ގިރައިގެން ގޮސްފައިވާ ކަމަށެވެ.
އެސަރަހައްދަކީ މީގެ ކުރިންވެސް ރުނބާ އަދި އެކިކަހަލަ ތަށި ފަދަ ތަކެތިަ ފެނިފައިވާ ސަރަހައްދެއްކަން ފާހަގަކުރަމުން ރަޝީދު ވިދާޅުވީ އެރަށުން ފެނުން އެންމެ ބޮޑު ރުނބާވެސް ފެނިފައިވަނީ އެސަރަހައްދުން ކަމަށެވެ.
މިހާރު މިވަޅާއި ބެހޭ މަޢުލޫމާތު މިނިސްޓްރީ އޮފް ހެރިޓޭޖްއަށް ފޮނުވާފައިވާނެކަމަށާއި އެފަރާތުގެ އިރުޝާދާއިއެކު ސަގާފަތާއި ތަރިކަ ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން އުތީމްކައުންސިލާއި ބޮޑު ތަކުރުފާނުގެ ހަނދާނީ މަރުކަޒު ގުޅިގެން މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.
ރަޝީދު އިތުރަށް ވިދާޅުވީ އުތީމަކީ ސަގާފަތާއި ތަރިކަ ހިމާޔަތް ކުރުމުގައި ނަމޫނާރަށެއްކަމަށާއި އެކަން ހިފެހެއްޓުމަށް ކައުންސިލުން ކުރެވެން ހުރި ހުރިހާކަމެއް ކުރާނެކަމަށެވެ.
"ކައުންސިލްގެ ވިސްނުމަކީ މި ވަޅު ނަގައިގެން ގެނެވެންޔާ ނަގައިގެން ގެނެސް، ހަނދާނީ މަރުކަޒުގައި ނުވަތަ ގަނޑުވަރުގައި އާންމުންނަށް ފެންނާނެހެން ބެހެއްޓުން، މިކަން ވާނީ ރައްޔިތުންގެ ސަމާލުކަމަށް ގެނެސްފައި، މިވަޅަށް އިތުުރު ގެއްލުމެއް ވިޔަނުދިނުމަށް އިލްތިމާސްކޮށްފައި"
ރަޝީދު ވިދާޅުވި އެވެ.
މިއީ ހިރިގަލުން ހަދާފައި ހުރި ވަޅެއްކަމަށް ރަޝީދު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!