ރަނގަޅަށް ދިރާސާ ނުކޮށް، ވޯޓު ކައިރިވުމުން ރައްޔިތުންގެ "ލޮލުގައި އަނދުން" އެޅުވުމަށް ތޮށިގަނޑުތައް ޖެހުމުން ރަށްތަކަށް ލިބޭ ގެއްލުން މާބޮޑުކަމަށް ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ވިދާޅުވެއްޖެ އެވެ.
ވ. ފެލިދޫ ގިރާ ސަރަހައްދު ހިމާޔަތް ކޮށްދިނުމަށް އެދި ގޮވާލާ ގަރާރުގެ ކޮމެޓީ ރިޕޯޓަށް މަޖިލިސް ތަޅުމުގައި މިއަދު ބަހުސް ކުރައްވަމުން ޝަހީމް ވިދާޅުވީ، ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކަ ދެއްކުމުން އޭރު އެކަމަށް ފާޑުކިޔައި، ހަޖޫޖަހައި ރާއްޖޭ ދޫކޮށް ދާންޖެހޭނެކަމަށް ބައެއް މީހުން ބުނަމުން ދިޔަ ކަމަށެވެ.
އެހެންނަމަވެސް މޫސުމަށް އަންނަ ބަދަލުތަކަކީ ނޭނގި ނަމަވެސް ރާއްޖޭގެ ރައްޔިތުން އެންމެ ބޮޑަށް ތަހައްމަލު ކުރަންޖެހޭ އެއް މައްސަލަ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެންމެންވެސް މިކިޔަނީ ތަރައްގީއަކީ އިންސާނާއަށް އަންނަ އެއްޗެއްކަން، އެތަރައްގީ މިއަންނަނީ ދިރިއުޅޭ މާހައުލު ރައްކާތެރި ކުރެވިގެން، ދިރިއުޅޭ މާހައުލު ރައްކާތެރި ކުރެވެނީ މޫސުމަށް އަންނަ މި ކުޑަ ޖަޒީރާ ގައުމަކަށްވާއިރު، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ރައްތަކަށް އަންނަ ބަދަލުތައް ވަރަށް ރަނގަޅަށް ދިރާސާކުރެވި، ރަނގަޅު ސާވޭއެއް ކުރެވިގެން ދެމެހެއްޓެނިވި ގޮތެއްގައި އެތަންތަން ހިމާޔަތް ކުރަން މަސައްކަތް ކުރެވޭނީ" ޝަހީމް ވިދާޅުވިއެވެ.
"އަޅުގަނޑު މިއަދުވެސް އެންވަޔަރަންމަންޓް މިނިސްޓްރީގެ ބޭފުޅުންނަށް ގޮވާލަން ވިސްނުންތެރިކަމާއެކު އެނގިގެން މިކަންކަން ކޮށްދެއްވާށޭ، ރަނގަޅު ސާވޭތަކެއް ކުރެވިގެން ރައްތައް ގިރުމުގެ މައްސަލަ ހައްލުކޮށްދެއްވާށޭ، އަޅުގަނޑުމެން ކިތެއްމެވަރަކަށް ހަރަދު ކުރިއަސް، ކަމަކަށް ކަމެއް ކުރަންވެގެން ވޯޓެއް ކައިރިވާއިރަށް ރައްޔިތުންގެ ލޮލުގައި އަނދުން އެޅުމުގެ ގޮތުން ތޮށިގަނޑުތައް ޖެހުމުގެ ސަބަބުން އިތުރަށް މާބޮޑެތި ގެއްލުންތައް ރަށްތަކަށް ވެގެންދާކަން އެންމެނަށްވެސް އެބަ އެނގޭ" ޝަހީމް އިތުރަށް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ އެއީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
ޝަހީމް ވަނީ މިފަހަރުގެ ބަޖެޓްގައި ރައްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ކަނޑިތީމު ދާއިރާގެ ރަށްތައް ހިމެނިފައިވާކަން ފާހަގަ ކުރައްވާފަ އެވެ. މިގޮތުން ބިލެތްފަހި، ނޫމަރާ އަދި ފޭދޫއަކީ، އެރަށްތައް ގިރަމުން ގިރަމުން ގޮސް ހުސްވާން ކައިރިވެފައިވާ ރަށްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މިރަށްތަކުގެ ރައްޔިތުންގެ ހައްގުގައި މިރަށްތައް ހިމާޔަތްކުރުމަށްޓަކައި ބަޖެޓް ކުރެވިފައިވާގޮތަށް އެކަންކަން ކޮށް ދެއްވުމަށް ސަރުކާރަށް ގޮވާލާ ކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!