ފޭސްބުކްއިން ކުންފުނި ރީ ބްރޭންޑްކޮށް އެކުންފުނީގެ ނަން ބަދަލުކުރުމަށް އަންނަ ހަފްތާގައި މަޝްވަރާ ކުރާނެކަމަށް އެކުންފުނީގެ ސީ.އީ.އޯ މާކް ޒުކަބާގް ވިދާޅުވެއްޖެއެވެ.

މާކް ވިދާޅުވެފައިވާ ގޮތުގައި ސޯޝަލް މީޑިއާގެ އެންމެ ބޮޑު ހިއްސާއެއް ހިމެނޭ ފޭސްބުކްގެ ނަން ބަދަލްކުރުމަށް އެކުންފުނީގެ އެނުއަލް ކޮންފެރެންސްގައި މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުން އެ ތާރީހުގެ ކުރިންވެސް ބާއްވަފާނެކަމުގެ އިޝާރާތެއްވެސް ވަނީ ދެއްވާފައެވެ.

Ad
rt

ފޭސްބުކް އިން މިކަން ހާމަކޮށްފައި މިވަނީ އެ ކުންފުންޏާއި ބެހޭ ދިރާސާތަކެއް އެމެރިކާގެ ސަރުކާރުން ފަށާފައިވަނިކޮށްކަމަށް ބައިނައްލަޤްވާމީ ޚަބަރުތަކުގައި އަންނަނީ ބުނަމުންނެވެ.

މުޅި ދުނިޔޭގައި ފޭސްބުކް ބޭނުންކުރާ މީހުންގެ އަދަދު 3 މިލިއަނާއި ގާތްކުރާ އިރު، މާކް ވަނީ އެކުންފުނިން ކުރިއަށް އޮތް 5 އަަހަރު ދުވަހުގެ ތެރޭގައ މެޓަވާސްގެ 10،000 ވަޒީފާގެ ފުރުސަތު ހުޅުވާލާނެކަމަށް ޔޫރަޕިއަން ޔޫނިއަންގައި ބުނެފައެވެ.

ފާއިތުވި ޖުލައި މަހުން ފެށިގެން މާކް އަންނަނީ މެޓަވާސް ވަޒީފާތަކާއި ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އޭނާގެ އުއްމީދަކީ ފޭސްބުކް މެޓަވާސް ބޭނުންކޮށްގެން ފޭސްބުކް ޔޫސާސްއިން ދިރިއުޅެ، މަސައްކަތްކޮށް އަދި ކަސްރަތުވެސް ކުރުމެވެ.

"ދި ވާޖް" ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ފޭސްބުކްގެ ނަން ހޮރައިޒަން އަށް ބަދަލްކޮށްފާނެކަމަށް ވަނީ ބުނެފައެވެ. އެއީ އެކުންފުނިން ދާދި ފަހުން ވީއާރް ގޭމިންގް ޕްލެޓްފޯމްގައި ބޭނުންކޮށްފައިވާ ނަމަކީ ހޮރައިޒަން ކަމަށްވާތީކަމުގައި ޚަބަރުތަކުގައި ވަނީ ބުނެފައެވެ.