އއ. ތޮއްޑޫގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހުޅުވި އެގްރިސެންޓަރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސް މި ސެންޓަރަށް ޒިޔާރަތް ކުރެއްވީ މިއަދު އއ. އަދި އދ. ކުރައްވަމުން އަންނަ ޒިޔާރަތްޕުޅުގަ އެވެ. ރައީސް އެ ސެންޓަރަށް ޒިޔާރަތް ކުރައްވައި އެތަން ބެއްލެވީތީ އެސްޓީއޯއިން ވަނީ ޝުކުރު އަދާ ކޮށްފައެވެ.

Ad
rt

މިއީ މާލޭގެ އިތުރުން އެސްޓީއޯ އެގްރިސެންޓަރުގެ ބްރާންޗެއް ހުޅުވި ފުރަތަމަ ފަހަރެވެ.

އެސްޓީއޯ އެގްރިސެންޓަރަކީ ދަނޑުވެރިން ހައްދާ ތަކެތި ގަނެ ވިއްކުމަށް ހުޅުވި ތަނެކެވެ. މި ސެންޓަރުން ގަންނާނީ ރަޖިސްޓްރީ ކޮށްފައިވާ ދަނޑުވެރިން އުފައްދާ ތަކެއްޗެވެ. އެންމެ ގިނައިން އެގްރިސެންޓަރުގައި ރަޖިސްޓްރީ ކޮށްފައިވަނީ ތޮއްޑޫގެ ދަނޑުވެރިންނެވެ.

ތޮއްޑޫއަކީ ރާއްޖޭގައި ދަނޑުވެރިކަން އެންމެ ފުޅާ ދާއޮރާއެއްގައި ހިންގާ އެއް ރަށެވެ. އެހެންކަމުން އެ ރަށުގައި ހުޅުވި އެގްރިސެންޓަރުގެ ސަބަބުން އެ ރަށުގެ ދަނޑުވެރިންނަށް ފައިދާ ވާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

ފުރަތަމަ އެގްރިސެންޓަރު ހުޅުއްވައި ދެއްވައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވިގޮތުގައި މިއީ ރާއްޖޭގެ ދަނޑުވެރިންނަށް ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަމުގެ ވިޔަފާރި ކުރުމުގެ ފުރުސަތު ހޯދައި ދިނުމަށް ހުޅުވި ސެންޓަރެއް ކަމަށެވެ. މި ސެންޓަރު މެދުވެރިކޮށް، ދަނޑުވެރިންނަށް ހަމަ އަގުގައި އުފައްދާ ތަކެތި ވިއްކޭނެ ކަމަށް ވެސް އޭނާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އެގްރިސެންޓަރުން ގަންނަ ތަކެތި ވިއްކާނީ ހޯލްސޭލްކޮށެވެ. ރިސޯޓުތަކަށް މި ތަކެތި ވިއްކަން ރާވާފައިވާ ކަމަށް އަމްރު ވިދާޅުވިއެވެ.